މާލެ ސިޓީގައި ލާމަރުކަޒީ ފުރިހަމައަށް ތަންފީޒު ނުވާ ކަމުގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރ މުޢިއްޒު މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ “ޚަބަރަށް ފަހު” ޕްރޮގްރާމުގައި މާލެސިޓީ ކައުންސިލްގެ އިޙްތިޞާސްގެ ދަށުގައިވާ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެސިޓީ ކައުންސިލާއި ހަވާލު ކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މޭޔަރ މުޢިއްޒު ވިދާޅުވީ މާލެ ސިޓީގެ އަވަށެއް ކަމުގައިވާ ހުޅުމާލޭގެ ވަރަށް މަދު ކަމެއް ނޫނީ މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިނުވާ ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ ވައިޓަލް ސާރވިސް ފޯރުކޮށްދިނުމާއި ސަހަރާ އަދި މިސްކިތްތައް ބެލެހެއްޓުން ފަދަ މަދު ކަންކަން ކަމަށެވެ.
މޭޔަރ މުޢިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށް ނުލިބެނީ ވަރަށް ކުދިކުދި ކަންކަމުގައި ކަމަށާއި އެއީ ސަރުކާރުގެ ތެރޭގައި ހައްލުވާނެ ޖެހޭނެ ކަންކަން ކަމަށެވެ.
މާލެސިޓީގެ އިޙްތިޞާސްގެ ތެރޭގައި މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭއިރު ދެ ކަމެއް ފިޔަވާ ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބަލަހައްޓަމުންދަނީ ސަރުކާރުގެ ކުންފުނި އާބަންކޯ އިންނެވެ. މިކަމާއި ގުޅިގެން މީގެ ކުރިންވެސް މާލެސިޓީގެ މޭޔަރ ޑރ. މުޢިއްޒު އާއި ހުރިހާ ކައުންސިލަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް އަދިވެސް މިކަމަށް ހައްލެއް ލިބިފައިނުވެއެވެ.