މާލޭ ސިޓީގެ އަމީނީމަގުގެ ތާރު އެޅުމުގެ މަސައްކަތުގެ މިހާތަނަށް ނިމިފައިވަނީ ގާތްގަނޑަކަށް %10 ކަމަށާއި، އެ މަސައްކަތް ލަސްވުމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމުގައި މާލޭ ސިޓީގެ މޭޔަރު، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި އަމީނީމަގުގެ މަސައްކަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޑރ. މުޢިއްޒު ވިދާޅުވީ އަމީނީމަގުގެ މަސައްކަތް ނުނިމި ދިގުލައިގެންދާ ދިއުމުގެ ސަބަބުން އެ މަގުގެ ދެފަރާތުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރި ވެރިންގެ އިތުރުން އެ ސަރަޙައްދަށް ނިސްބަތްވާ އާންމުގެ ގިނަ ޝަކުވާތަކެއް މާލެސިޓީ ކައުންސިލަށާ މާލެސިޓީގެ މޭޔަރަށްވެސް ލިބެމުންދާ ކަމަށެވެ.
”މަގުގެ ބޮޑުބައެއް ރޫޅާލާފަ މިހެން ގިނަ ދުވަސްތަކެއްވާތީ ޙަޤީޤަތުގަވެސް މީހުންނަށް ވަރަށް އުނދަގޫވޭ. އަޅުގަނޑަށްވެސް އަދި ކައުންސިލަށް ރަސްމީކޮށްވެސް މިކަމުގެ ޝަކުވާ ދަނީ ލިބެމުން”، ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ މިއީ ސިޔާސީ ކަމެއް ނޫންކަމަށާއި މިއީ ރައްޔިތުންގެ ޙަޤީޤީ ކަންބޮޑުވުމެއްކަމަށެވެ. އަދި މި ކަންބޮޑުވުންތައް ކަމާއިގުޅޭ ފަރާތްތަކަށް ފޯރުކޮށްދިންނަމަވެސް ޖަވާބުދާރީ ވެފައިނުވާކަން ޑރ. މުޢިއްޒު ފާހަގަ ކުރެއްވިއެވެ.
”މިއީކީ ސިޔާސީ ކަންކަމެއްނޫން. ރައްޔިތުންގެ ޙަޤީޤީ ކަންބޮޑުވުންތަކެއް، ހާސްކަމެއް. އަޑުއަހާނެ ބައެއް ނެތް. އަޅުގަނޑުމެން މިކަން އާރްޑީސީ އާއި ހަމަޔަށް އެބަ ގެންގޮސްދެން. މިނިސްޓްރީއަށްވެސް އެބަ އަންގަން”، ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ އަމީނީމަގު މަޝްރޫޢުއަށް 84 މިލިއަން ރުފިޔާ ހޭދަކުރިނަމަވެސް މިއީ 39 މިލިއަނަށް ވާންއޮތް ކަމެއް ކަމަށެވެ. މާލެ ސިޓީ ކައުންސިލާއި އެކު ކުރިން ހެދިފައިވާ ސްކޯޕަށް ބަދަލެއްނާންނަ ކަމަށާއި މަޝްރޫޢުގަ ކުރިން ހިމަނާފަހުރި ކަންކަމަކަށް އެއްވެސް ކަމެއް އިތުރުވެފައިނުވާ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
”ހަމަ އަޅަންހުރި ހޮޅި އަކަށް ހޮޅިއެއް އަދިވެސް އެ އަޅަނީ. ތާރުގެ ބޯމިން އިތުރެއްނުވޭ. ނޫނީ އޭގެ ދަށަށްދާ ފަށަލަތައް އިތުރެއްނުވޭ. އެއްވެސް ކަމެއް އިތުރުނުވެ ހަމަ އޮތްގޮތަށް 34 މިލިއަނުން 84 މިލިއަނަށް”، ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ މި އަގަށް މިހާބޮޑު ބަދަލެއް ގެނައި ސަބަބެއްކަމުގަ ބުނެވެންއޮންނާނީ އޭރު ސިޓީ ކައުންސިލުން ކުރަންއޮތް މުއްދަތަށްވުރެ މާ އަވަހަށް މަސައްކަތް ނިންމުން ކަމަށާއި އަވަސްކުރާނަމަ ނުވަތަ ރިސޯސަސް އިތުރުކުރާނަމަ އަގު ބޮޑުވެދާނެ ކަމަށެވެ. އެހެންނަމަވެސް މިހާދުވަސް ވެގެން ދިޔައިރު މަސައްކަތްތުގެ ސްޕީޑަށް ބަދަލެއް ނައިއިރު ގާތްގަނޑަކަށް ނިމިފައިވަނީ އަމީނީމަގުގެ 10 އިންސައްތަ ކަމަށެވެ.
އަމީނީ މަގު ހަދަމުންދާގޮތުން މީގެ ކުރިންވެސް މޭޔަރ މުޢިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.