English Edition
Dhivehi Edition

މިއަދު އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އާބިދާ އަހްމަދަކީ ޚާރިޖީ ޓީމުގެ އެއް ތަނބު ކަމުގައި ރައްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ހާރިޖީ ވުޒާރާގައި 40 އަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އާބިދާ އަހްމަދު، ރޭ ދަންވަރުގެ ވަގުތެއްގައި ނިވާވުމުން ކުރެއްވި ޓްވީޓެއްގައެވެ.

ޝާހިދުގެ ޓްވީޓުގައި ވިދާޅުވީ ވަފާތެރިކަމާއި، ލޯތްބާއި، ޝައުގުވެރިކަމާއެކު 40 އަހަރަށްވުރެ ގިނަ ދުވަހު މިނިސްޓްރީއަށް އާބިދާ ހިދުމަތްކުރައްވާފައިވާ ކަމަށާއި އާބިދާ އަކީ އެންމެންގެ އެކުވެރިއެއް ކަމަށެވެ. އަދި އާބިދާގެ ހަނދާން މިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަމަށެވެ.

މުލީއާގޭ މެއިޑެއްގެ ވަޒީފާއިން 15 ނޮވެންބަރު 1978 ގައި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވި އާބިދާ އެ ވަޒީފާއިން 8 ޖޫން 1982 ގައި ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެއްޓެވީ 26 ސެޕްޓެންބަރު 1983 ގައެވެ. އެއީ މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ.

އޭގެފަހުން 15 އޮގަސްޓު 1985 އިން ފެށިގެން ފޮރިން މިނިސްޓްރީގައި ޚިދުމަތް ކުރައްވާފައިވާއިރު، މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، އާބިދާވަނީ އެ މިނިސްޓްރީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.

އެ މިނިސްޓްރީގައި އާބިދާ އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައިވަނީ، އެ މިނިސްޓްރީގެ އިދާރީ ހިންގުމާއި ބެހޭ ސެކްޝަންތަކުގައާއި، ޑިޕާޓްމަންޓްތަކުގައެވެ. އަދި، ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރައްވާ އެ ގައުމުތަކުގެ ދައުލަތްތަކުގެ އިސްވެރިންގެ ޕްރޮޓޮކޯލް އަދި މެހްމާންދާރީ އަދާކުރެއްވުމުގެ މަސައްކަތްތަކުގައި، ހީވާގިކަމާއި ފަންނުވެރިކަމާއެކު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ.

މީގެއިތުރުން، ޒަމާނާއެކު އެ މިނިސްޓްރީގެ އިދާރީ ހިންގުމަށް އަންނަމުންދިޔަ ބަދަލުތައް ތަންފީޒު ކުރުމުގައި އާބިދާގެ ހިއްސާ ވަރަށްބޮޑެވެ.

އުމުރުން 66 އަހަރުގައި ނިޔާވި އާބިދާގެ ކަށުނަމާދު އޮތީ މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.