English Edition
Dhivehi Edition

އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. އެސް. ޖައިޝަންކަރުއާ ބައްދަލުކުރައްވާފައެވެ. އަދި ދެޤައުމުގެ މެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކުގައި ވަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމާގުޅޭ އެންމެހައި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން، ދެޤައުމުގެ މެދުގައިވާ ތާރީޚީ ގުޅުމުގެ މައްޗަށް މިބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދެޤައުމަށް ވެސް މުހިއްމު، ޙައްސާސް މައްސަލަތަކުގައި އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުންދީ ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް އެފަދަ މައްސަލަތަކުގައި އެކުގައި މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވަނީ ދެޤައުމުންވެސް ދީފައެވެ.

ތަރައްޤީއާއި ފަތުރުވެރިކަމުގެ ދާއިރާއާއި އިންސާނީ ވަޞީލަތްތައް ކުރިއެރުވުމުގަ އާއި ބައިނަލްއަޤުވާމީ ކަންކަމުގަ އާއި ދެޤައުމުގެ ރައްޔިތުންނަށް ކުރިމަތިވާ ކަންކަމުގައި ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެވަޒީރުންގެ ޚިޔާލުތައް ވަނީ މިބައްދަލުވުމުގައި ފާޅުކުރައްވާފަ އެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ އައު ދާއިރާތަކާއި ގޮތްތައް ދިރާސާކޮށް ދެނެގަތުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވެސް ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ޝާހިދު އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުންހުރި 9 އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

ހަމައެއާއެކު، މިނިސްޓަރ ޝާހިދު ވަނީ އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒުން ބޭއްވި 43ވަނަ ސަޕްރޫ ހައުސް ލެކްޗަރގައި ތަޤުރީރުކުރައްވާފައެވެ. “ދަ ޕަވަރ އޮފް ސްމޯލް – ދަ މޯލްޑިވްސް ސްޓޯރީ”ގެ ޞުރުހީގެ ދަށުން ދެއްވި ތަޤުރީރުގައި މިނިސްޓަރ ޝާހިދު ވަނީ ކުޑަ ޤައުމެއްގެ ގޮތުގައި އޮވެ ބައިނަލްއަޤުވާމީ ޑިޕްލޮމަސީގައި ކުރިމަތިވާ ގޮންޖެހުންތައް ގިރާކުރުމަށް ދިވެހިރާއްޖެއިން ބޭނުންކޮށްފައިވާ އިސްތިރާތީޖިއްޔާތަކަށް އަލިއަޅުއްވާލައްވާފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ ޝަރަފުގައި އިންޑިއާގައި ހުންނަ ހައި ކޮމިޝަނުން ބޭއްވި ޙަފުލާގައި ބައިވެރިވެވަޑައިގަންނަވައި މިނިސްޓަރ ޝާހިދު ވަނީ ނިއު ދިއްލީގައި ތިއްބަވާ އެކި ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން، މިނިސްޓަރ ޝާހިދު ވަނީ ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތް ކުރައްވައި އެމިޝަނުގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓުންނާއި އެހެނިހެން މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ އެކި މީޑިއާތަކާ ބައްދަލުކުރައްވައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމާއި ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރާއި އެތަޞައްވުރުގައި އިންޑިއާގެ މުހިއްމު ދައުރާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

މިނިސްޓަރ ޝާހިދަށް އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިބްރާހީމް ޝަހީބް އާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، އައި.އޯ.އާރު.، މރ. ޕުނީތް އަގަރްވާލް އެވެ.