English Edition
Dhivehi Edition
16 މޭ 2023: ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ޖަޕާންގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުން - ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ޚާޜިޖީ ވަޒީރު އަބްދުﷲ ޝާހިދު، ޖަޕާނުގެ ޚާރިޖީ ވަޒީރު، ހަޔާޝީ ޔޮޝިމާސާއާ މިއަދު ޓޯކިޔޯގައި ބައްދަލުކުރައްވައިފިއެވެ.

ވަޒީރު ޝާހިދު ވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ޖަޕާނު ސަރުކާރުން ދިވެހި ރައްޔިތުންނަށް މެދުނުކެނޑި ފޯރުކޮށްދީފައިވާ އެއްބާރުލުމާއި އެހީތެރިކަމުގެ އަގުވަޒަންކޮށް، މޯލްޑިވްސްއާއި ޖަޕާނާ ދެމެދު އޮތް ޒަމާނުއްސުރެ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

ޖަޕާންގެ ޚާރިޖީ ވަޒީރު ހަޔާޝީ ވަނީ ދެގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ފާހަގަކުރައްވައި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ މައްސަލަތަކުގައި ޖަޕާނާއެކު ދިވެހި ސަރުކާރުން އެއްބާރުލުން ދެއްވައި، ޚާއްސަކޮށް ‘ފްރީ އެންޑް އޯޕަން އިންޑޯ ޕެސިފިކް’ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި ފޯރުކޮށްދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއާ ޖަޕާނާ ދެމެދު އޮތް ގާތް ތާރީޚީ ގުޅުމާމެދު ދެ ވަޒީރުން މަޝްވަރާކުރެއްވިއިރު، ދެޤައުމުގެ ގުޅުން އިތުރަށް ފުރިހަމަކޮށް ބަދަހިކުރުމަށް މަސައްކަތްކުރެއްވުމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝާހިދާއެކު މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލް އާއި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ މޯލްޑިވްސް ސަފީރު ހަސަން ސޯބިރާއި ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތު އަހުމަދު މަނިކާއި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދުފާ ނައީމް އަދި އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވި އެވެ.

ޚާރިޖީ ވަޒީރު ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގެންނެވީ ޓޯކިޔޯގައި ބާއްވާ މިއުނިކް ލީޑަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.