English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝްއަކީ ރާއްޖޭގެ ޤައުމީ ތަރައްޤީއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގާތްއެކުވެރި ޤައުމެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ މިނިވަންދުވަހާއި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ހުންނަ ބަންގަލަދޭޝްގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ރޭ ހޮޓަލް ޖޭންގައި ބޭއްވި ހަފްލާގައި ނައިބު ރައީސް ވިދާޅުވީ ދެ ޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި އަބަދުވެސް ދެމިއޮންނާނެކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން، ރާއްޖޭގެ އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީގައި، އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ޙައްޤުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެކަމަށެވެ. މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ބަންގްލަދޭޝް އަކީ މުއްސަނދި ސަގާފަތަކާއި ތާރީޚެއް ލިބިފައިވާ ޤައުމެއްކަމަށެވެ.

އިތުރަށް ނައިބު ރައީސް ވިދާޅުވީ އަދި 1978 ވަނަ އަހަރު ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރުމުގެ ކުރިންވެސް މި ދެޤައުމަކީ އާދަކާދައާ ސަގާފަތާ އަދި ވިޔަފާރިއާ ކަނޑުދަތުރުފަތުރުކުރުން ފަދަ ކަންކަމުގައި ވަރަށް އެއްގޮތް އާދަކާދަތަކެއް ހިއްސާކުރާ ދެ ޤައުމުކަމަށެވެ.

ނައިބު ރައީސްގެ ވާހަކައިގައި ވަނީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ، ބަންގަބަންދު ޝެއިޚް މުޖީބުއް ރަޙްމާން ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވާފައެވެ.