English Edition
Dhivehi Edition
ބޯގަންވިލާގޭގައި އަލިފާން ރޯވެ އަނދަނީ - ވަގުތު އިމޭޖްސް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ މައިފުނަ ގެ މއ. ބޯގަންވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ރަށްދެބައި މަގުގައި ހުންނަ ބޯގަންވިލާގޭގެ 2 ވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް އިން މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އަލިފާން ރޯވީ އެގޭގެ ކޮޓަރިއެއްގައެވެ. ކޮޓަރީގައި ވަރަށް ބޮޑަށް ހުޅުހިފައި ބޭރަށްވެސް އަލިފާންގަނޑު ފެތުރުނެވެ. މިޙާދިސާގައި އެ ކޮޓަރީގައި ހުރި ހުރިހާ ސާމާނެއް ވަނީ އަނދާފައެވެ.
މިހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

އެމްއެންޑީއެފަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 23.29 ގައެވެ.
އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ބޯގަންވިލާ އަކީ މިނިސްޓަރު ފައްޔާޒުގެ އާއިލީ ގެކޮޅު ކަމަށްވީ ނަމަވެސް މިނިސްޓަރު ދިރިއުޅުއްވަނީ އެހެން ގެއެއްގަ އެވެ. އެކަމަކު ފައްޔާޒުގެ ބޭބެ އަދި މާލޭގެ ކުރީގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ދިރިއުޅުއްވަނީ ބޯގަންވިލާގަ އެވެ.