English Edition
Dhivehi Edition
ކުރިން ހިނގި އަލިފާނުގެ ޙާދިސާގައި އަލިފާން ނިއްވުމަށް ސިފައިން ޙަރަކާތްތެރިވަނީ/ފޮޓޯ އެމްއެންޑީއެފް

އައްޑޫސިޓީ ފޭދޫގެ ގެއެއްގައި އަލިފާން ރޯވެ އެނދި ޙާދިސާގައި ގެއްލުންވި ޢާއިލާއަށް ބޭނުންވާ އެހީތެރިކަން އައްޑޫސިޓީ ކައުންސިލާއި ކަމާ ގުޅުންހުރި މުވައްސަސާތަކުން ފޯރުކޮށްދެމުންދާކަމަށް މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ ރޭ ހިނގި އެ ޙާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި ގޭގައި ދިރިއުޅޭ ފަރާތުގެ އެންމެހާ ތަކެތި އަނދާފައިވާކަމަށެވެ.

ފޭދޫގައި ހިނގާދިޔަ އަލިފާނުގެ ޙާދިސާއާއި ގުޅިގެން ފޭދޫ ދާއިރާގެ މެންބަރު، މުހައްމަދު ނިހާދުވެސް ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވައި މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ނިހާދު ވަނީ މިޙާދިސާ ހިނގަން ދިމާވި ސަބަބު ސާފުވެ، ގޭގެ ވެރިފަރާތަށް އިންސާފު ހޯދައި ދެއްވުމަށް ގޮވާލައްވާފައެވެ.

އަލިފާން ރޯވި ޙާދިސާއާއި ގުޅިގެން އެމްއެންޑިއެފުން ބުނީ ފޭދޫ މަދެލަ އަވަށު، އަލިވިދާގޭ ބައެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު އާދީއްތަ ދުވަހުގެ ރޭ 7:30ހާއިރު ލިބިފައިވާކަމަށާއި އެ މައުލޫމާތު ލިބުމާ ގުޅިގެން އެ ސަރަހައްދަށް ގޮސް ސިފައިންނާއި ފުލުހުންނާއި އާންމުން ގުޅިގެން އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން އަދި ކަށަވަރު ނުވާކަމަށް އެމްއެންޑިއެފްގެ އޮފިޝަލް ވިދާޅުވިއެވެ. އެގޭގައި ރޯވި އަލިފާން، އައްޑޫ ސިޓީ ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނާއި ޢާންމުން ގުޅިގެން ކުރި މަސައްކަތުން ނިއްވާލާފައިވަނީ ރޭ 21:04 ގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޙާދިސާ ހިނގިގޭގެ އެޕާޓްމަންޓްގައި ދިރިއުޅެނީ އެންމެ މީހެކެވެ. އޭނާގެ ހުރިހާ މުދަލެއް ވަނީ އަނދައިގެން ގޮސްފައެވެ. މިޙާދިސާ ހިނގި ވަގުތު އެގޭގައި އެއްވެސް މީހަކު ނެތްކަމަށް މަޢުލޫމާތު ލިބެއެވެ.

އަލިފާންގަނޑު ނިއްވާލުމަށްފަހު އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯއަކުން ފެންނަގޮތުގައި، އަލިފާނުގެ ސަބަބުން ގޭތެރޭގައި ހުރި ހުރިހާ ތަކެއްޗެއް އަނދައި، ބޮޑެތި ގެއްލުންތައްވަނީ ލިބިފައި ވެއެވެ. އެގޮތުން ގޭގައި ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރާއި އަދި އެފަރާތުން ގެންގުޅުނު ނަގުދު ފައިސާވެސް ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަލިވިދާގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. މިޙާދިސާ ރިޕޯޓް ކުރި ފަހުންވެސް ފަޔަރ ލޮރީ އައުމާ ދޭތެރޭ ގިނަ ވަގުތުތަކެއް ނެގިކަމަށްބުނެ ޢާންމުން ކުރި ޝަކުވާ ތަކާގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ، އައްޑޫ ސިޓީގައި މިވަގުތު އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަން ގާއިމްކުރެވިފައިވަނީ ހިތަދޫ އަދި ހުޅުމީދޫގައި ކަމަށްވެފައި ފޭދޫގެ އެޙާދިސާ ހިނގި ތަނަށް ހިތަދޫން ލޮރީ އައުމުގައި ދަތުރަށް ނެގި ވަގުތު ފިޔަވައި އިތުރަށް ލަސްވެފައިނުވާކަމަށެވެ.