English Edition
Dhivehi Edition
މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެއާއި ވިލިމާލޭގެ މަގުތައް ބަލަަހައްޓަން މާލެސިޓީ ކައުންސިލުގެ 80 މުވައްޒަފުން މަގުފާރަވެރިން ނުވަތަ ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ މި މަހުގެ 15 އިން ފެށިގެން އެ މީހުން ހަރަކާތްތެރިވާން ކަމަށެވެ. އަދި މަގުފާރަވެރިންނަކީ ކައުންސިލްގެ މިދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެއް ކަމަށެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ މާލެސިޓީގެ މަގުތަކާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައްލުކުރުން ކަމަށާއި ގިނަފަހަރު މަގުމަތީގެ ކަންކަން ބަލާނެ މީހެއް ނެތުމުން، މައްސަލަތައް ދިމާވެގެން ރިޕޯޓު ކުރަން ޖެހެނީ އާންމު ފަރާތްތަކުން ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ސީދާ ކައުންސިލްގެ މުވައްޒަފުން ނުކުމެ މަގުތައް މޮނިޓަރ ކުރާނަމަ މައްސަލަތައް މަދުކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

“މި ސަބަބަށްޓަކައި އެކަން ކުރަން ކައުންސިލުން ނިންމާ ކައުންސިލްގެ 80 މުވައްޒަފުންގެ ޓީމެއް މި މަހުގެ 15 އިން ފެށިގެން މާލެއާއި ވިލިމާލޭގެ މަގުތަކުގައި ހަރަކާތްތެރިވާން ފަށާނެ. އެމީހުން މަގުތަކުގައި ހަރަކާތްތެރިވާނީ އެކަމަށް ޚާއްސަ ޔުނީފޯމެއް އަޅައިގެން.” ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ މަގުފާރަވެރިން މަގުތަކުގައި ހަރަކާތްތެރިވާނީ ދެ ޝިފްޓަކަށް ބަހާލައިގެން ކަމަށާއި ރޭގަނޑު 12 އިން 8 އަށް ފިޔަވާ ހުރިހާ ވަގުތެއްގައި މަގުތަކުގައި ޑިއުޓީ ކުރާނެ ކަމަށެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދަނީ މުވައްޒަފުން ތަމްރީނު ކުރުމާއި، ހުރިހާ މުވައްޒަފުންގެ ޔުނީފޯމު ހަމަކުރުމުގެ މަސައްކަތްތައް ކަމާއި އެކަންކަން އަންނަ ހަފްތާގެ ތެރޭގައި ނިމި ޚިދުމަތްފެށޭވަރު ވާނެކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

ކައުންސލްގެ މުވައްޒަފުން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ އެމީހެއްގެ އެއްބާރުލުމާއެކު މައްސަލަ ހައްލު ކުރަން ކަމަށާއި ނަމަވެސް މަރުހަލާތަކަށްފަހު ވެސް މައްސަލަ ހައްލު ނުކޮށްފިނަމަ، ފިޔަވަޅު އަޅައި ޖޫރިމަނާ ވެސް ކުރާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މި މުވައްޒަފުންނަށް މަގުފާރަވެރިން ކިޔަން ކުރިން ނިންމާފައި އޮތް ނަމަވެސް އެ ނަން “ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސާސް” އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި ނަން ބަދަލުކުރަން ނިންމީ އެއީ ކޮމިއުނިޓީއާ ވަރަށް އެންގޭޖުވާ މަސައްކަތަކަށް ވެފައި، މީހުން ކުށްވެރިކުރަން ކުރާ ކަމަކަށް ނުވާތީ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.