English Edition
Dhivehi Edition

ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލުން ދެމުންދާ ބަގީގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބިފަިއވާ ކަމަށް މާލޭ ސިޓީގެ މޭޔަރ އަދި ކުރީގެ ހައުސިންގ މިނިސްޓަރ ދރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަ ދައްކަވަމުން މޭޔަރު ވިދާޅުވި އިއްޔެ އާއި ހަމައަށް ބަގީގެ ޚިދުމަތަށްއެދި ގުޅައިގެން 15392 ދަތުރު މާލެ ކޮށްދީފައިވާ ކަމަށާއި ބަގީއަށް ކަނޑައަޅާފައިވާ ރޫޓުން 8936 ދަތުރު ކޮށްދީފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ވިލިމާލޭ ބަގީއަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، އެ ޚިދުމަތްދޭން ފެށި ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޢީދާ ހަމައަށް ހުރިހާ ރައްޔިތުންނަށް އެ ޚިދުމަތް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދީފައިވަނީ އެއްވެސް އަގެއް ނެގުމަކާ ނުލާ ހިލެ އެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ. މި ބަގީތަކުގެ ތެރޭގައި، މުދާ އުފުލާ ބަގީ އާއި، ކުއްލި ޙާލަތް ތަކުގައި އިމަރޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ ބަގީ ހިމެނެއެވެ. އަދި 4 ސީޓުގެ ބަގީ އާއި، 6 ސީޓުގެ ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ ބަގީ ހިމެނެއެވެ.

މި ބަގީ ތަކަކީ ބެޓެރީ ލައިފް ގިނަވަގުތު ހިފެހެއްޓޭނެ ގޮތަށް ހެދިފައިވާ ވިލިމާލޭގެ މާހައުލާއިވެސް ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ބަގީތަކެއްކަން ފާހަގަކޮށްލެވެއެވެ.

ބަގީގެ ޚިދުމަތް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ގޮތަކަށެވެ. ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ. އެހެންނަމަވެސް ބަގީ “ޕްރައިވެޓް ހަޔާރ” ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:

4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ

6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ

12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ އެވެ.

މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.

ބަގީގެ ޚިދުމަތަށް އެދިލެއްވުމަށް ގުޅުއްވާނީ 7240505 އަށެވެ. އަދި އޮންލައިންކޮށް ބަގީގެ ޚިދުމަތަށް އެދިލައްވާނީ https://villibuggy.malecity.gov.mv/ އަށް ޒިޔާރަތް ކުރައްވައިގެންނެވެ.