English Edition
Dhivehi Edition
ގްލެމް އަޕް ބިއުޓީ އެންޑް ސްޕާގެ ރިސެޕްޝަން އޭރިއާ / ފޮޓޯ: އޭއޯ ނިއުސް

ފުވައްމުލަކުގެ މީހުންގެ ރީތިކަމަކީ ފުވައްމުލަކުގެ ރީތިކަމާއި އެއް ވަރަށް ގިނަ ދިވެހިންތަކެއް ތައުރީފު ކުރަމުން އަންނަ ކަމެކެވެ. ހާއްސަ ގޮތެއްގައި ފުވައްމުލަކުގެ އަންހެން ކުދިންގެ ރީތި ކަމަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ. ބައެއް މީހުން ބުނާ ގޮތުގައި ފުވައްމުލަކުގެ މީހުންނަށް ލިބިފައި ހުންނަ ރީތިކަމަކީ ޖުމުލަ ގޮތެއްގައި ފުވައްމުލަކަށް ލިބިގެންވާ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަމެއް ކަމުގައިވެސް ވެދާނެއެވެ.

މިފަހަރު ދައްކަން މިއުޅެނީ ފުވައްމުލަކުގެ ކުދިންނަށް ލިބިގެންވާ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމުގެ މަގުސަދުގައި ފުވައްމުލަކުގައި މުޅިން އަލަށް ހުޅުވަން އުޅޭ ސެލޫނެއްގެ ވާހަކައެވެ. ފުވައްމުލަކު ދިގުވާނޑު އަވަށުގެ ރުއްގަނޑި މަގުގައި ހުންނަ ގްލެމް އަޕް ބިއުޓީ އެންޑް ސްޕާ އަކީ ފުވައްމުލަކަށް މުޅިން އަލަށް ގިނަ ސާވިސްތަކެއް ތައާރަފުކޮށްދޭނެ ސެލޫނެއް ކަމުގައި އެ ސެލޫންގެ ސޯޝަލް މީޑިއާ އެންޑް މާކެޓިންގް އެގްޒެކެޓިވް މަރިޔަމް ޒަމީ ވިދާޅުވިއެވެ.

“ބިއުޓީ އަށް ބެލިއަސް، ސްކިން ކެއަރ އަށް ބެލިއަސް، ހެއަރ އަށް ބެލިއަސް، އަޅުގަނޑުމެން މިވެގެންދަނީ ގްލެމް އަޕް އިން ދޭ ގިނަ ސާވިސްތަކުގެ ލައިންގައި ފުވައްމުލަކަށް އެ ހިދުމަތްތައް ފުރަތަމަ ތައާރަފު ކުރާ މީހުންނަށް. އަސްލު ބޭނުންވަނީވެސް ހަމަ އެއްވެސް މީހަކު މިސް އައުޓް ނުވާނެހެން ސާވިސްތައް ދޭން. އެއީ ވަކި ޖިންސަކަށް ނުވަތަ އުމުރަކަށް އަދި ވަކި ސްކިން ޓައިޕް ނޫނީ ވަކި ކަހަލަ އިސްތަށިގަނޑެއްގެ ބަޔަކަށް ފޯކަސް ކުރުމުގެ ބަދަލުގައި އެންމެނަށްވެސް ކޭޓަރ ކުރަން. އިރާދަކުރެއްވީތީ މިރޭ ސެލޫން މިހުޅުވަނީ ވެސް ހަމަ އެ މަގުސަދު ހާސިލުވެފައި ތިބެ އޭ ބުންޏަސް ދޮގަކަށް ނުވާނެ.” ގްލެމް އަޕްގައި ލިބެން ހުރި ސާވިސްތައް ވަރަށް ކުރު ގޮތަކަށް ކިޔައިދެމުން ޒަމީ ބުންޏެވެ.

ޒަމީ އެބުނީ ހަމަ ވަރަށް ރަނގަޅަށްވެސް ތެދެކެވެ. ގްލެމް އަޕްގެ މެނޫ ދިގުވެފައި ލިބެން ހުރި ހިދުމަތްތައް ގިނައެވެ. އަދި ސެލޫންގެ މެނޫ އާންމުންނަށް ސަޕްރައިޒެއްގެ ގޮތުގައި ބާއްވާފައި އޮތްކަމުގައި ވީނަމަވެސް އަޅުގަނޑު ތިބޭފުޅުންނަށް ދޭން ބޭނުންވާ ޔަގީންކަމެއް އެބައޮތެވެ. ވަކި ކަހަލަ ހިދުމަތެއް ހޯދުމުގެ މަގުސަދުގައި ގޮސް އެ ހިދުމަތެއް ނުލިބި ކަރު އެލުވާލައިގެން ނިކުމެގެންދާން ޖެހޭނެ ތަނަކަށް ގްލެމް އަޕް ވާނެއެކޭ ބުނާކަށް އަޅުގަނޑަކަށް ނުކެރޭނެއެވެ. އެއީ ހެއަރ ޓްރީޓްމެންޓަށް ބެލި ކަމުގައިވީ ނަމަވެސް، ފޭޝިއަލް އަށް ބެލިކަމުގައި ވިއަސް، ވެކްސިންގެ ހުރި އޮޕްޝަންތައް ކަމުގައިވީ ނަމަވެސް ފައިގެ ޕެޑިކިއަރ އަކަށް ބެލި ކަމުގައިވީ ނަމަވެސް އެ ސެލޫން އިން ދެވިގެންދާ އޮޕްޝަންތައް ގިނަ ކަމުންނެވެ.

“ދެވިގެންދާ ހިދުމަތްތަކުގެ މައުލޫމާތު ހޯދަން މިހާރުވެސް ވަރަށް އެންކުއަރީޒް އާދޭ. ހިދުމަތްތަށް އަދި ވަރަށް ބްރީފްކޮށް މިކިޔައިދެނީ، ފާހަގަކޮށްލަން ބޭނުން ހިދުމަތްތަކުގެ އަގުތަށް ހަމަ ވަރަށް އެފޯޑަބަލްވާނެ. އިރާދަކުރެެއްވިއްޔާ ކަސްޓަމަރުން ޑިސްއެޕޮއިންޓް އެއް ނުވާނެ.” ސެލޫންގެ ހިދުމަތްތަކުގެ އަގުތަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަން ފާހަގަކުރަމުން ޒަމީ ކިޔައިދިނެވެ.

ސެލޫންގެ އިންޓީރިއަރ އަސް ބަލައިލާނަމަ އެތަން ވަރަށް ރީތިވެފައި ހިތްގައިމެވެ. ބޭނުންކޮށްފައިވާ ކުލަތައް ލޮލަށް ބަލާލަން ފަސޭހަވެފައި ނަލައެވެ. ސާވިސްތައް ދިނުމުގައި އެކި ކަންކަމަށް އެކި ސަރަހައްދު ކަނޑައެޅިފައިވާއިރު އެ ހިދުމަތް ދިނުމަށް ބޭރުން ގެނެސްފައިވަނީ ކަމަށް ގާބިލު ތަޖުރިބާ ހުރި ފަރާތްތަކެވެ. އެފަރާތްތަކާއި އަޅުގަނޑާއި ބައްދަލުވި ބައްދަލުވުމުން އަޅުގަނޑަށް ދޭހަވެގެން ދިޔައީ އެއީ މީހުންނާ ގުޅޭ ވަރަށް ސަކަ މިޒާޖެއްގެ ބައެއް ކަމެވެ. ހިތްހެޔޮވެފައި މަސައްކަތަށް އެމީހުންގެ ހިތުގައި އޮތް ލޯބި އެ ކުރު ބައްދަލުވުމުންވެސް ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. އެއީ ހަމަގައިމުވެސް ސެލޫން އިން ހިދުމަތް ހޯދުމަށް އަޅުގަނޑު އިތުރަށް ހިތްޖެހި ސެލޫން އާއި މެދު ގަޔާވި އިތުރު ސަބަބެކެވެ.

ގްލެމް އަޕް ސެލޫން ހުޅުވަން ހަމަޖެހިފައިވަނީ މިރެއެވެ. އެކަމަށް ހާއްސަ ހަފުލާ އެއް މިރޭ ބޭއްވިގެންދާއިރު ޒަމީ ހާމަކުރި ގޮތުގައި ހަފުލާއަށް ދައުވަތު ދެވިގެން ވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި ތަފާތު ގުރުއަތުތަކެއް ނެގި އިނާމުތަކެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ މިއާއި އެކު އެސެލޫން އިން ވަނީ އާންމުންގެ މެދުގައިވެސް އިންސްޓަގްރާމް މެދުވެރިކޮށް ގިވް އަވޭ އެއް ރޭ ތައާރަފުކޮށްފައެވެ. އެގޮތުން އެ ސެލޫންގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުގައިވާ ޕޯސްޓެއްގައިވާ މަސައްކަތް ފުރިހަމަކޮށް އެ ޕޯސްޓު ޝެއަރ ކޮށްގެން ސެލޫން އިން 20 ޕަސެންޓުގެ ޑިސްކައުންޓެއް ދޭ ގިވް އަވޭ މިރޭ 19:00 އާއި ހަމައަށް ކުރިއަށް ދާނެ ކަމަށް ޒަމީ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ހިތަށް އެރީ ކުޑަކޮށް ތަފާތުކޮށް ރަޝް ގޮތަކަށް ގިވް އަވޭ ކުރިއަށް ގެންދާނީއޭ. އެހެންވެ އަސްލު ދުވަސް ކައިރި ކޮށްފައި މިކަން މިކުރީ ވެސް. އެއީ ގްލެމް އަޕްގެ އަޅުގަނޑުމެން ކިޔާ ގޮތަށް ނަމަ ޓެލެންޓްސް ނުވަތަ ރޮކްސްޓާސް (މުވައްޒަފުން) އަކީ ވަރަށް ފަން އެންޑް އައުޓް ގޮއިންގް ބައެއް، އެގޮތުން އަޅުގަނޑުމެންގެ ގިވް އަވޭ އަކީ މިއީ ކާކު ކަހަލަ އެއްޗެއް ހަމަ. އިންސްޓަގްރާޕް ޕޯސްޓުގައިވާ އަޅުގަނޑުމެންގެ މޭކް އަޕް އާޓިސްޓްގެ ފޮޓޯ ބެލުމަށްފަހު އެއީ ކާކު ކަން ދިމާކުރަން ޖެހެނީ، އަޅުގަނޑުމެން ދެނީ މި ގާތްގަނޑަކަށް 24 ގަޑި އިރު އެ ދިމާކުރުމަށް. ގުރުއަތުން ހޮވޭ ފަރާތަކަށް 20 ޕަސެންޓް ޑިސްކައުންޓް މި ލިބިގެންދަނީ.” ގިވް އަވޭ އާއި ބެހޭ ގޮތުން ޒަމީ ވިދާޅުވިއެވެ.

މޭކް އަޕް އާޓިސްޓް އާއި ބެހޭ ގޮތުން ޒަމީ ދިން ހިންޓަކީ މިއެވެ. އެއީ ފުވައްމުލަކުގެ އެ ފަންނުގެ އެންމެ މޮޅު ފަރާތެވެ. އެ މަސައްކަތުގައި އެ ފަރާތަށް ކޭޓަރ ނުކުރެވޭނެ މީހެއް މަދޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެފަރާތުގެ ‘ސެޓިސްފައިޑް ކްލައިންޓް’ ލިސްޓު ދިގުވެފައި ގިނައެވެ. މީހުންނާއި ގުޅޭ ކްލައިންޓުންގެ ބޭނުންތަކަށް ވަރަށް ރަނގަޅަށްވެސް ‘ރިޒަލްޓް’ ނެރެދޭ ފަރާތެކެވެ. ދެން ތިބޭފުޅުން އެއީ ކޮން ފަރާތެއްކަން ދިމާކޮށް ގްލެމް އަޕްގެ އިންސްޓަގްރާމް ޕޯސްޓުގައިވާ ފަދައިން އަމަލުކުރާށެވެ. އަޅުގަނޑު މިދަނީ ގްލެމް އަޕް ބިއުޓީ އެންޑް ސްޕާގެ ޓްރީޓްމެންޓެއްގެ އަޖުމަބަލާލާ މިރޭގެ ހުޅުވުމުގެ ހަފުލާއަށް ތައްޔާރުވެލާށެވެ.