English Edition
Dhivehi Edition

ގޭންގުތަކާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކަކީ އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން ކަމަށާއި އޭގެތެރޭގައި ޝާމިލްވާ އެއްވެސް ފަރާތެއްގެ ކުރިމަތީގައި ތިރިނުވާނެ ކަމަށް ބުނެ، ވަރުގަދަ އިންޒާރެއް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ދެއްވައިފިއެވެ.

މިފަދައިން ޢިމްރާން ވާހަކަފުޅު ދައްކަވައިފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް، ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ބައެއް މީހުންނަށް މިނިސްޓަރ ލުއި ދެއްވާ ޖަލުން މިނިވަން ކުރާކަމަށް ތުހުމަތުކުރައްވާ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

“ވަރަށް ސާފުކޮށް ދަންނަވަން ކެރޭ، ރާއްޖޭގައި ޚާއްޞަކޮށް މަސްތުވާތަކެއްޗާ ގޭންގުތައް ހިންގުމުގެ ކުށުގަ ބައިވެރިވާ ފަރާތްތަކުން އެފަރާތްތަކަށް ލިބެންޖެހޭ އަދަބަށް އަޅުގަނޑުގެ ފަރާތުން އެއްވެސް ލުޔެއް ލިބޭނެ ގޮތެއް މެދުވެރިއެއް ނުވާނެ. ގޭންގުތަކާ ޑްރަގް ޓްރެފިކިންގެ މައްސަލަތަކަކީ އަޅުގަނޑު އެކަމަށް އަޅާނުލައި ދޫކޮށްލާނެ ކަމެއް ނޫން. އޭގެތެރޭ ޝާމިލްވާ އެއްވެސް ފަރާތެއްގެ ކުރިމަތީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިރިއެއް ނުވާނެ. މިކަމުގެ ޔަޤީންކަން ތި މެންބަރުންނަށް ވަރަށް ސާބިތުކަމާއެކު އަޅުގަނޑު އަރުވަން.” ޢިމްރާން ވިދާޅުވިއެވެ

މީގެ އިތުރުން ވާހަކަ ފުޅު ދައްކަވަމުން ޢިމްރާން ވިދާާޅުވެފައިވަނީ ގޭންގް ކުށްތަކުގެ އިތުރުން މަސްތުވާތަކެތީގެ ކުށްތަކަކީ އެންމެ ސީރިއަސް ބޮޑެތި ކުށްތަކުގެ ގޮތުގައި ދެކި މަސައްކަތްކުރައްވާކަމަށެވެ. އަދި ފުލުހުންނާއެކު އެފަދަ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި އެފަދަ ބޮޑެތި މައްސަލަތައް އިތުރަށް ބަލާ ދިރާސާ ކުރަމުން އަންނަ ކަމަށްވެސް ޢިމްރާން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިތުރަށް ހާމަކުރެއްވި ގޮތުގައި ރާއްޖޭގައި ހިނގަމުން އަންނަ ގިނަ ގޭންގު މާރަމާރީތަކާއި ޑްރަގް ވިޔަފާރީގެ ނެޓްވޯކުގެ ފަހަތުގައި އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިންނާއި، ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުނުންނެވެ. އެގޮތުން މިނިސްޓަރ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ގޭންގު ކުށްތަކާއި ޑުރަގުގެ ކަންތަކުގައި ހަރަކާތްތެރިވާ މީހުން ފަހަތަށް ޖެހެން ޖެހޭ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މިފަދަ ކުށްތަކުގައި ގައުމުގެ އިސް ފަރާތްތަކުން ބައިވެރިވުމަކީ ދައުލަތަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެފަދަ ކުށްތަކުން އެންމެން ވެސް ސަލާމަތްވާން ޖެހޭ ކަމަށާއި އެހެން ކަންތައް ނުކުރެވިއްޖެނަމަ ގައުމަށް ރައްކާތެރިކަމެއް ނެތްކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.