English Edition
Dhivehi Edition

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނުފޫޒު ނުފޯރުވައި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު ރާއްޖެ 30 އަހަރުގެ ފަހަތަށް ޖައްސާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދާ ޖަލްސާގައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒާއި، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި އިސް އާރްކާޓީންގެ ކޮރަޕްޝަންގެ ގިނަ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެއްވެސް މައްސަލައެއް ކުރިއަށް ނުދާ ކަމަށެވެ.

އެހެންކަމުން އޭސީސީ މިނިވަންކަމާ އެކު މަސައްކަތް ކުރިޔަ ނުދިނުމަށް މި ސަރުކާރުން މަަސައްކަތް ކުރަނީ ކީއްވެގެންތޯ ޔާމީން ވަނީ ސުވާލު އުފައްދަވައިފައެވެ.

” އޭސީސީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެއްގެ ގޮތުގައި ނިންމަން މަސައްކަތް ފެށި ހިސާބުން، ރާއްޖެ ޑޮމިކްރަސީގައި 30 އަހަރު ފަހަތަށް ގޮސްފި” ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރަށް ދެވޭނީ ނަޒާހަތްތެރިކަމުގެ މިންގަނޑުން ސުމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ބޮޑުންގެ މައްސަލަތައް ވެސް އޭސީސީގައި އެބަ އޮތް ކަމަށެވެ.

މިނިވަންކަމާއެކު އޭސީސީ ހިނގަންޖެހޭކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ސަރުކާރުގައި ފައިސާ ހުރުމުން އަދި ސަރުކާރުގައި ނުފޫޒު އޮތީމައި ވަރަށް ގިނަ ކަންތައް ކުރެވިދާނެ ކަމަށާއި، ރައްޔިތުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބި، ގާނޫނު އަސާސީ ވެސް ބޭނުންވާ ގޮތަކަށް ބަދަލުކުރެވިދާނެ ކަމަށެވެ. ނަމަވެސް މިބާރު އަބަދު ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ މި ސަރުކާރުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ގޮވައިލައްވާފައެވެ. އަދި ރައްޔިތުން އެންމެ އެނގެން ބޭނުންވަނީ މި ސަރުކާރުން ބަޖެޓާމެދު އަމަލުކުރި ގޮތް ކަމަށާއި އެކަން ވެސް ހާމަކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ