English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް އަލުން ތާވަލްގެ އެއްވަނަ އަށް އާސެނަލް އިން ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު މި މެޗު އާސެނަލް އިން ކާމިޔާބު ކުރީ 1-3 އިންނެވެ.

ރޭގެ މި މޮޅާއި އެކު އާސެނަލް އެއްވަނައަށް ޖެހިލީ ދެ ޕޮއިންޓުގެ ލީޑަކާއި އެކުގައެވެ. ނަމަވެސް އެއީ ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީއަށްވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ.

ޗެލްސީއަތުން މުހިންމު މޮޅެއް ހޯދި މި މެޗުގައި އާސެނަލުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ކަނޑު ޖެހީ ކެޕްޓަން މާޓިން އޮޑެގާޑެވެ. ފުރަތަމަ ހާފްގައި އޮޑޭގާޑް ދެ ލަނޑުވެސް ޖެހީ ޒަހާ ތަނަވަސްކޮށްދިން ފުރުޞަތުންނެވެ.

އާސެނަލްގެ ތިންވަނަ ލަނޑު ފުރަތަމަ ހާފްގައި ޖެހީ ޖިސޫސްއެވެ. ޗެލްސީގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ޖެހީ މަޑުއެކޭއެވެ.

އާސެނަލް އިން ރޭގައި ޗެލްސީއަތުން މޮޅުވި ނަމަވެސް މިއީ އެޓީމަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅެއް ހޯދުނު ހަމަ އެކަނި މެޗެވެ.

ރޭގެ އާސެނަލް އަތުން ޗެލްސީ ބަލިވެފައިވާއިރު، މިއީ ޗެލްސީ ވިވިދިގެން ވީ ހަވަނަ ބައްޔެވެ. ރޭގެ ބައްޔާއި އެކު ޗެލްސީ އޮތީ ކުޅުނު 33 މެޗުން 39 ޕޮއިންޓާއި އެކު ތާވަލްގެ 12 ވަނާގައެވެ.