ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން ބޮޑުބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް މިކަމުގައި ރައީސް ސޯލިހާ ދެކޮޅަށް ނިކުމެފައިވާއިރު، އެ ސިޓީ ބާތިލްކޮށްދިނުމަށް އެދީ މިހާރު ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.
މި މައްސަލައާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓަކަށް ޖަވާބުދެއްވައި މުއިއްޒު ވަނީ އެކަމުގައި ހުރި ގާނޫނީ ކަންކަން ވަރަށް ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން ގާސިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިގްތިސާދީ ނަފާ ހޯދަން ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލު ގެއްލިއްޖެ ކަމަށެވެ. އޭގެ ސަބަބަކީ ގާސިމް ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކުރުމެވެ. އަދި އެ ޓްވީޓުގައި ގާސިމް ވަނީ އިޓްލޮސްގެ ނިންމުމުގެ 51 ވަނަ ނުކުތާގައި ރައީސްގެ ސިޓީއަށް ރިއާޔަތްކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މިކަމަށް ރައްދުދެއްވައި މުއިއްޒު ވިދާޅުވީ 51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް ކަމަށެވެ.
“ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ނުދެކެން,” މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.