English Edition
Dhivehi Edition

އެފަކީރަށް ވާނެ ގޮތަކާމެދު ހިތްދަތިވިއެވެ. ނައިނާ ދާން ދެކެނީ ބޭބެއެއްގެ ގޮތުގައެވެ. އަޔާން ދެކޭ ގޮތަށެވެ. ނައިނާވެސް އަޔާންދެކެ ވަރަށް ލޯބިވެއެވެ. ” މަންމާ! އަހަރެން،،، އަހަރެން،،،” ލޯބިވާ އެހެން މީހަކު ހުރީތަ! ނައިނާގެ ޖުމުލަ ނުނިމެނިކޮށް އޭނާގެ އެހިއެވެ. ނައިނާ އިސްދަށަށް ޖަހާލިއެވެ. މަންމަގެ ކުރިމަތީގައި ކޮންމެ ވާހަކައެއް ބުންޏަސް މަންމަ ބޭނުންވާ ގޮތަށް ނޫންގޮތަކަށް ކަންތައް ވިޔަކަ ނުދޭނެއެވެ. ” ކޮންމެ މީހަކު ހުއްޓަސް ވަރިހަމަ، އިންނަން ޖެހޭނީ މަމިބުނާ މީހަކާ! ކައިވެނީގެ ކަންތައްތައް ހަމަޖައްސަމުން މިދަނީ… ދެން ދޭ ކޮޓަރިއަށް! ނައިނާ މަންމަގެ އެ ހަރުކަށި ބަސްތައް އަޑުއަހަމުން ދިޔައީ ހިތްދަތި ކަމާއެކުގައެވެ. އެހެން ގޮތެއް އޭނާއަކަށް ނުވެސް ނެތެވެ.

ނައިނާ ދެރަވަނީ އަޔާންމަތިން ހިތަށް އަރާފައެވެ. އަޔާންއަށް މިކަން އެނގިއްޖެއްޔާ ވާނީ ކިހިނެތްބާއެވެ. ނައިނާ ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަނެވެ. އެނދުމައްޗަށް ވެއްޓިގަތެވެ. ރޯން ފެށިއެވެ. އެތައްއިރަކު ރުއިމަށް ފަހު އޭނާ ފޯނު ނެގިއެވެ. އަޔާން ގުޅިއެވެ. ނައިނާ ގުޅާތަން ފެނުމުން އަޔާންގެ ހިތް ތެޅެންފެށިއެވެ. ޔަޤީނެވެ. ނައިނާގެ މަންމަ އެވާހަކަ ދެއްކީއެވެ. އަޔާން ނައިނާގެ ފޯނަށް ބަލަހައްޓައިގެން ހުއްޓާ ފޯނު ކެނޑިއްޖެއެވެ. ދެވަނަ ފަހަރަށްވެސް ނައިނާ ގުޅިއެވެ. ވަރަށް ހިތްވަރުކޮށްފައި އަޔާން ފޯނު ނެގިއެވެ. ނެގިގޮތަށް އަޔާންއަށް ނައިނާއޭ ކިޔައި ގޮވާލެވުނެވެ. އެކޮޅުން ނައިނާއަށް ވެސް ވީ އެވަރެވެ. އަޔާންއޭ ކިޔައި ގޮވާލެވުނެވެ. އިތުރަށް އެކަކު އެކައްޗެކޭވެސް ނުބުނެއެވެ. ހަމަހިމޭންކަމުގެ ތެރެއިން ނައިނާގެ ރުއިމުގެ އަޑު އިވެން ފެށިއެވެ.

”ނައިނާ ރޮނީތަ؟ ކިހިނެތްވީ އަނެއްކާ؟ އަޔާންއަށް އެސުވާލު ކުރެވުނީވެސް ވަރަށް ބާރުންނެވެ. ކަންތައްވީ ގޮތް އެނގި ހުރެވެސް އަޔާން އެސުވާލު ކުރިއެވެ.” އަޔާން، އަޔާން،،، މަންމަ ބޭނުންވަނީ އަހަރެން އަޔާންގެ ބޭބެއާ ކައިވެނި ކުރަން! ނައިނާގެ އެޖުމުލަ އަނެއްކާވެސް ޚަންޖަރެއްގެ ގޮތުގައި އަޔާންގެ ހިތަށް ހެރިއްޖެއެވެ. އެހިތުގައި ލޯވަޅު އެޅި ފުރިއްޖެއެވެ. އެޖުމުލައާއެކު ނައިނާ ރޯއަޑު އިވެން ފެށިއެވެ. ގިސްލަގިސްލާފައެވެ. ”ނައިނާ މައިންބަފައިން ދަރިންނަށް އެދޭނީ އަބަދުވެސް ރަނގަޅުގޮތް، މަންމަބުނާ ގޮތަށް ކަންތައްތައް ކުރީމަ ރަނގަޅުވާނެ! ދެން ބާއްވަނީ،،، ހިތްވަރުކުރާތި، ހުރިހާކަމެއްވެސް ރަނގަޅުވާނެ! ނައިނާގެ ޖަވާބަކަށްނެތި އަޔާން ފޯނުބޭއްވީ އިތުރަށް ނައިނާގެ އެންމެ ލަފުޒެއްވެސް އަޑުއަހާނެ ހިތްވަރު ނެތިގެނެވެ. އިތުރަށް ނައިނާ ދެރަ ނުކުރުމަށެވެ.

އަޔާން ފޯނު ބޭއްވުމުން ނައިނާއަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. އަޔާންއަށް ވެފައި އެހުރީ ކިހިނެތް ހެއްޔެވެ؟ މިކަމަށް ކުރެވޭނެ އިތުރުކަމެއް ހަމަ ނެތީހެއްޔެވެ؟ އަޔާން އެހާ ފަސޭހައިން އަހަންނާ ދުރަށް އެދިޔައީ ކީއްވެހެއްޔެވެ؟ ނައިނާގެ ހިތުގައި ހިތްދަތި އެތައް ސުވާލެއް އުފެދުނެވެ. އަނެއްކާވެސް އޭނާ އެނދުމައްޗަށް ވެއްޓި ރޯންފެށިއެވެ. ނައިނާއަށް އެޖަވާބުތައް ދެވުނީތީ އަޔާން ދެރަވެއްޖެއެވެ. އެކަމަކު ދެން ވަކި ބުނާނީ ކީކޭހެއްޔެވެ؟ ނައިނާދެކެ ކިތަންމެ ލޯބިވިޔަސް އަޔާން ކުރެވޭނެ ހަމަ އެއްކަމެއްވެސް ނެތެވެ. ދާންއާ ދެކޮޅަށް ނުކުމެއްޖެއްޔާ ދާން ވަރަށް އެކަނިވާނެއެވެ. އަނެއްކޮޅުން ނައިނާގެ މަންމަ ގަބޫލެއްވެސް ނުވާނެއެވެ. ހިތުގައި އަތްއެޅުމަށް ފަހު އަޔާން ނިންމީ ލޯބި ޤުރުބޤން ކުރުމަށެވެ. އެކަނިވެރި ބޭބެގެ ޙައްޤުގައެވެ.

ޖެހިގެންއައި ދުވަހުގެ ހަވީރެވެ. އަވިނިވާލާފައި އޮތުމުން ރަށުތެރެ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ހެނދުނު ކޮންމެސް ވަރަކަށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ހިރަފުސްކަމެއް ނެތެވެ. ރަށުގެ އެކިހިސާބުތަކުގައި މީހުން ހިނގާބިނގާވެ އުޅެއެވެ. ނައިނާގެ މައިންބަފައިންތިބީ ދާންމެންގެ ގޭގައެވެ. ނައިނާގެ މަންމަ އެގެއަށް ބަލާލިއެވެ. ކޮންފަދަ ރީތި ގެއެއް ހެއްޔެވެ؟ ކޮންފަދަ މުއްސަނދިކަމެއް ހެއްޔެވެ؟ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެން ހަގީގަތަށް ވަނީއެވެ. ދަރިފުޅު މުއްސަންޖަކާ ދެވުން އެއީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. ” ދާނިޝްގެ އާއިލާގެ އިތުރު މީހަކު ނެތީތަ؟ ނައިނާގެ މަންމަ ސުވާލުކުރިއެވެ. ނޫން ބައްޕަފަރާތުގެ މީހަކު އެބަހުރި! މިވަގުތު އަޅުގަނޑު އުޅެނީވެސް އެގޭގަ، އެކަމަކު ދައްތަމެން ބައްދަލުކުރަން އަންނަވާހަކަ ބުނީމަ މިގެއަށް އަންނަން ބުނީ! ދާނިޝް އޮޅުންފިލުވައި ދިނެވެ.

ހަވީރުގެ ސަޔަކާއެކު ދާނިޝްއާ ނައިނާގެ ކައިވެނީގެ ވާހަކަތައް ފެށިއްޖެއެވެ. ނައިނާގެ މައިންބަފައިން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެކައިވެނި ކުރާށެވެ. ދާނިޝްވެސް ބޭނުންވަނީ އެގޮތެވެ. ” އަޅުގަނޑު ބޭބެއާ ދައްތަ އަދި އަޔާންގާތު މިވާހަކަ ބުނާނަން، މިވަގުތު އަޅުގަނޑުގެ އާއިލާއަކީ އެއީ! އެމީހުންނާވެސް މަޝްވަރާކޮށްލަން ބޭނުން! ދާނިޝްގެ ޚިޔާލު ހުށައެޅިއެވެ. ”ދަރިފުޅު ބޭނުން ގޮތަކަށް ތިޔަކަންތައް ކުރިއަށް ގެންދޭ! މަންމަގެ އެއްވެސް މައްސަލައެއް ނެތް! ނައިނާގެ މަންމަ ދާނިޝްއަށް މަންމަ ކިޔައިދިނުމުން ދާނިޝްހުރީ ވަރަށް ލަދުންނެވެ. އެކަމަކު އޭނާ ވަރަށް އުފާވެސް ވެއެވެ. ހަގީގަތުގައި ދާނިޝްއަކީ މައިންބަފައިންގެ ތަނަވަސްކަމުގައި ދިރިއުޅެމުން އަންނަ މީހެކެވެ. މާބޮޑު ހަރުދަނާކަމެއް، ޒިންމާދާރުކަމެއް އޭނާގެ ނެތެވެ. އެކިއެކި މާމަލުން ފޮނިބޮމުން އައި މާބުރެކެވެ. އެކަން މާލޭގައި އުޅޭ އޭނާގެ ރައްޓެހިންނަށް ވެސް އެނގޭނެއެވެ. ޚާއްޞަކޮށް އަޔާންއަށް އެކަން އެނގެއެވެ. އަޔާން އެންމެ ކަންބޮޑުވަނީވެސް އެކަމާއެވެ.

އެދުވަހުގެ ރެއެވެ. އަޔާންމެންގޭ ސިޓިންގރޫމެވެ. ދާނިޝް ވާހަކައެއް ދައްކަން ބޭނުންވާތީ އެންމެންވެސް ތިބީ ވަރަށް މަޑުމައިތިރިކަމާ އެކުގައެވެ. ޚާއްޞަކޮށް އަޔާންއާ އަޒީޒާއެވެ. ދާނިޝް ދައްކަން އުޅެނީ ކޮންވާހަކައެއްކަން އެނގޭތީއެވެ. ފާރޫގު އިނީ ވާނުވާ ނޭނގިފައެވެ. އެކަމަކު ދާނިޝް ދައްކަން އުޅެނީ ބޮޑުވާހަކައެއްކަން އެނގެއެވެ. ދާނިޝް އެގޭގައި އުޅޭތީ ފާރޫގު ހުންނަނީ ވަރަށް އުފަލުންނެވެ. ބޭބެގެ ދަރިފުޅަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތީއެވެ. ބޭބެއަށްޓަކައެވެ. ހަމަހިމޭންކަމުގެ ތެރެއިން ވާހަކަދެއްކީ ދާނިޝްއެވެ. ” އަހަރެން މިއުޅެނީ މީހަކާ އިންނަން! ނައިނާ ކިޔަނީ އޭނާއަށް! ދާނިޝްގެ އެ ދެ ޖުމުލަ އަޔާންއަށް ޒަހަރުހާ ހިއްޗެވެ. ހޮނު ގުގުރިއެއްހެން ކަންފަތަށް އެ ޖުމުލަތައް ވަދެގެން ދިޔައެވެ. އަޒީޒާ ފެންކަޅިވިއެވެ. ފާރޫގަށް އުފަލުން ހެވުނެވެ.

ދާނިޝް، ނައިނާގެ މައިންބަފައިންގެ މައުލޫމާތުތައްވެސް ޙިއްސާ ކުރިއެވެ. އަޒީޒާ އަޔާންއަށް ބަލާލިއެވެ. މޫނުމަތިން ހިނިތުންވެފައި އިނަސް އަޔާންގެ ހިތް އަޒީޒާއަށް ފެންނަކަހަލައެވެ. އާއެނކެވެ. އަޔާން އިނީ ހިތުގެ އަޑިން ރޯލަރޯލައެވެ. ” ދާންބޭ ކައިވެނީގެ ހުރިހާ ކަމެއްވާނެ ވަރަށް ފުރިހަމައަށް ގެންދަން! އަހަރެން ހުރިހާ ކަމެއްވެސް ކޮށްދޭނަން! ދާންބެ އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެ! އަޔާންއަށް ހަމަ އެހެން އެ ބުނެވުނީބާވައެވެ. ޚުދު އަޔާން އަމިއްލައަށް ވެސް ޤަބޫލު ނުކުރެވުނެވެ. އެކަމަކު އެއީ އޭނާ ބުނަން ޖެހޭ ވާހަކަތަކެކެވެ. ދާން އެހެން މީހަކާ އިންނަން އުޅުނު ނަމަވެސް މެއެވެ. ”މަށަށް މާކުރިންވެސް ތިކަން އެނގޭ، އަޔާން ހުރިއްޔާ އެއްވެސް ކަމަކާ ކަންބޮޑުވާކަށް ނުޖެހޭނެކަން! ދާން ފަޚުރުވެރިވިއެވެ. ދާންބޭ މަންމައާ ބައްޕައާ ވާހަކަދައްކައިގެން ތާރީޚު ހަމަޖައްސަންވީނު! އަހަރެން އެބަޖެހޭ މުޙިއްމު ކަމަކު އޮފީހަށް ދާން! އަޔާން އެހެން ބުނީ އިތުރަށް އެތަނުގައި އިންނަން އުނދަނގޫވެގެނެވެ. ( ނުނިމޭ )

 

1 ކޮމެންޓް
Fathun
މެއި 2, 2023
Ethah dhuvaheh fahun uploaded kuri iru ehaa kuda thankolheh.