English Edition
Dhivehi Edition
ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން ބޭއްވި ނޫސް ކޮންފަރެންސް -- ފޮޓޯ/ ރައީސް އޮފީސް

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ސްޕެޝަލިސްޓުން ހަމައެކަނި އެންމެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ނަމަ، އެ ފަރާތްތަކަށް ޚާއްސަ އެލަވަންސެއް ދިނުމަށް ހަމަޖައްސައިފިއެވެ.

ސިއްހީ ދާއިރާގެ ޚިދުމަތްތެރިންގެ މުސާރަ ބޮޑުކޮށްފައިވާއިރު، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ލައްކައަކާ ގާތަށް މުސާރަ ވަނީ ބޮޑުކޮށްފައެވެ. ރާއްޖޭގައި އާންމުކޮށް ސްޕެޝަލިސްޓުންނަކީ މަސައްކަތްކުރާ ހޮސްޕިޓަލުގެ އިތުރަށް ދަންފަޅި ބަހައިގެން ކްލިނިކްތަކުގައި ވެސް ފަރުވާދޭ ޑޮކްޓަރުންނެވެ. އަދި ގެސްޓް ޑޮކްޓަރުންގެ ގޮތުގައި ބައެއް ދުވަސް ވަރު ކްލިނިކްތަކުގައި ފަރުވާދޭ ޑޮކްޓަރުން ވެސް އުޅެއެވެ.

ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިސަލް ވިދާޅުވީ، ‘އެކްސްކްލޫސިވް ސާވިސް ބެނިފިޓް’ގެ ނަމުގައި އެ އިނާޔަތް ދެނީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ރޭންކް 10އިން ފެށިގެން މަތީގެ މަގާމުތަކާއި ސަބް-ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ކަމަށެވެ.

ސީނިއާ ސަބް-ސްޕެޝަލިސްޓު ކޮންސަލްޓަންޓުންގެ މުސާރަ ވަނީ 71,649ރ. އިން 87,392ރ. އަށް ބޮޑުކޮށްފަ އެވެ. އަދި, ކޮންސަލްޓަންޓު ސަބް-ސްޕެޝަލިސްޓުންގެ މުސާރަ 28 އިންސައްތަ ބޮޑުކުރުމުން 77,577ރ. އަށް އިތުރުވެފަ އެވެ.

ސީނިއާ ކޮންސަލްޓަންޓު ސްޕެޝަލިސްޓުންގެ މުސާރަ ވަނީ 55,675ރ. އިން 66,702 އަށް ބޮޑުކޮށްފަ އެވެ.

މި މަގާމުތަކުގައި ތިބި ޑޮކްޓަރުންނަށް އެ އެލަވަންސް ލިބޭނީ، ވަޒީފާއަދާކުރާ ހޮސްޕިޓަލުން ކަނޑައަޅާ އިތުރު ޒިންމާތައް އުފުލުމަށް އެއްބަސްވެ، އެ މުވައްޒަފާއި ވަޒީފާއަދާކުރާ ހޮސްޕިޓަލާއެކު އެގްރިމަންޓެއްގައި ސޮއިކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.