English Edition
Dhivehi Edition

އަލަށް ތައާރަފްވާ ތަފާތު ބާވަތްތަކުގެ މަސްތުވާތަކެއްޗާއެކު، ޒުވާނުން މިކަމުގެ ތެރެއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ހަމީދު ވިދާޅުވީ ކޮންމެ އަހަރަކުވެސް، އެކި އުމުރުފުރާތަކުން 400 އާއި 500 އާއި ދެމެދުގެ މީހުން އަލަށް މަސްތުވާތަކެތީގެ ތެރެއަށް ވަންނަކަމަށެވެ. އަދި މިކަންކަން ހައްލުކުރުމަށް ފުލުހުން ހިމެނޭގޮތުން ޖިނާއީ އަދުލުގެ ނިޒާމާ، މި މައްސަލައާ ގުޅުން ހުރި ދައުލަތުގެ ހުރިހާ އިދާރާތަކުން އެއް މިސްރާބަކަށް މަސައްކަތްކުރަން ޖެހޭކަމަށެވެ

މީގެ އިތުރުން ހަމީދު ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު އެތައް ގުނައަކުން އިތުރުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

ކުށްކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ފާހަގަކޮށް ހަމީދު ވިދާޅުވީ ފުލުހުންގެ ތަހުގީގުގެ ބޮޑުބައެއް ބަރޯސާވަނީ ފޮރެންސިކް ތަހްލީލުތަކަށްކަމަށެވެ. ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމަށް ޒަމާނީ ވަސީލަތްތަކުގެ ދައުރު ބޮޑުކަން ފާހަގަކޮށް ހަމީދު ވިދާޅުވީ ގޮންޖެހުންތައް ހުރިނަމަވެސް ހިދުމަތް ތަރައްގީކޮށް ޒަމާނީ ވައްޓަފާޅިއާ ބައްދަލުވާ ރައްދެއް ދެވޭނެ މިންވަރަށް، ފުލުހުންގެ ތަހުގީގީ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ފާއިތުވި އަހަރު އެކަނިވެސް 13000 އަށް ވުރެ ގިނަ ޖިނާއީ މައްސަލަ ފުލުހުން ބަލާފައިވާކަން ފާހަގަކޮށް ހަމީދު ވިދާޅުވީ ކުށްކުރުމާ އެކަމުގެ ބިރުވެރިކަން އެއްކޮށް ނައްތައިލުމަކީ އެއްވެސް މުޖުތަމައެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް އެފަދަ ނުރައްކާތައް މަދުކުރުމަކީ ކުރެވިދާނެކަަމެއްކަމުގައި ހަމީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހަމީދު ވަނީ ފުލުހުންގެ ހިދުމަތުގެ ދިގު ތާރީހުގައި އައިސްފައިވާ ތަރައްގީ އާއި ކުރިއެރުން ފާހަގަކުރައްވާފައެވެ.