English Edition
Dhivehi Edition
ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

ފުލުހުންގެ މުއައްސަސާގައިވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުން އެބަ ތިބި ކަމަށާއި އޭގެ ތެރޭގައި ކުރީގައި ފުލުހުންގެ އިދާރާގައި އިސްކޮށް އުޅުއްވި ބޭފުޅުން ވެސް ހިމެނޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިއަދު ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު 7 ފުލުހަކަށް ކުރެވޭ ކަމަށާއި އޭގެ ތެރޭގައި ކުރީގައި ޕޮލިސް ސާވިސްގައި ވަޒީފާ އަދާ ކުރެއްވި ކޮމިޝަނަރަކާއި ޑެޕިއުޓީ ކޮމިޝަނަރެއްވެސް ހިމެނޭ ކަމަށެވެ. ހަމީދު މިގޮތަށް ވިދާޅުވީ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުލުހުންގެ ތެރޭގައި ހިމެނޭ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ނަން ހާމަކޮށްފައި ނުވާއިރު އެމީހުންގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދައުރުގެ މެމްބަރުންނާއި މި ދައުރުގެ މެމްބަރުންވެސް ހިމެނެއެވެ. އަދި ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނެއެވެ.