English Edition
Dhivehi Edition
ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

ކޮވިޑް-19 އާއި ގުޅޭގޮތުން ދޮގު ޚަބަރު ފަރާތްތަކާމެދު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފިޔަވަޅު އަޅަމުންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ސީޕީ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެއްވެސް އަސާސެއް ނެތް، ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭފަދަ ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންކަމުން އެފަދަ ޢަމަލުތައް ނުކުރުމަށްވެސް ސީޕީ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

 

މީގެ އިތުރުން ސީޕީ ވިދާޅުވީ ދޮގު ކޮވިޑް-19 އާއި ގުޅިގެން މީހުންގެ ބޮލުމުގައި ދޮގު ތުހުމަތުތައް އަޅުވައި، ނުރަނގަޅު މަޢުލޫމާތު ފަތުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެގޮތަށް ކަން ކުރުމުގެ މަޤްޞަދަކީ ހުރިހާ ރައްޔިތުންގެވެސް އަބުރާއި މިނިވަންކަން ރައްކާތެރިކުރުން ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވި އެވެ.

ސީޕީ ހަމީދުގެ އެ ޓްވީޓާއި ގުޅިގެން ފުލުހުން މިއަދު ބުނީ އެފަދަ އެއްވެސް މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ، www.police.gov.mv/crimereport މި ލިންކަށް ވަޑައިގެން އޮންލައިންކޮށް އެ މައްސަލައެއް ރިޕޯޓްކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ނުވަތަ އެއާއި ގުޅިގެން ކަރަންޓީނުކުރާ ފަރާތްތަކުގެ މަޢުލޫމާތުވެސް ހެލްތު ޕްރޮޓެކްޝްން އެޖެންސީ (އެޗްޕީއޭ) އިން ޢާންމު ނުކުރެއެވެ. ނަމަވެސް އެ ފަރާތްތަކުގެ މަޢުލޫމާތު މީސްމީޑިއާގައި އާންމުކޮށް، އެ ފަރާތްތަކާއި ގުޅޭގޮތުން އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަ ފެތުރުން ވަނީ އާންމުވެފަ އެވެ.

އެގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ފުރަތަމަ ކްލަސްޓަރގައި ހިމެނޭ ފަރާތެއްގެ ޑައިރެކްޓް ކޮންޓެކްޓަކު ތަހުލީލްތަކަށް އެއްބާރުލުން ނުދޭ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ކޭސްއެއްކަން ނުވަތަ އެ މައްސަލައިގައި ހިމެނޭ ޕޭޝަންޓްގެ އެއްވެސް މަޢުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް އެކަމާއި ގުޅިގެން ވަކި މީހަކަށް އަމާޒުކޮށްގެން މީސްމީޑިއާގައި އެކިއެކި އަޑުތައް ވަނީ ފެތުރިފަ އެވެ. އެކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނީ އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، އެފަދަ ކަށަވަރު ނުވާ މަޢުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެވެ.