English Edition
Dhivehi Edition
ކ.ގުރައިދޫ ގައި އެމްޑީޕީ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ‘ކޮމްޕްރޮމައިޒްކޮށް’، ސަރުކާރު ހިސާރުކުރުމުގެ ޖާގައެއް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވަނީ ސީޕީ ހަމީދު ކޮމްޕްރޮމައިޒްކޮށްގެން ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކުރުމުގެ ޖާގަ ނުދެވޭނެ ކަމަށެވެ.

މީގެ އިތުރުން ވައްކަމާއި، ކޮރަޕްޝަނާއި، ހައްދުފަހަނައެޅި މީހުން ރެކި ތިބެ ސަރުކާރު ހިސާރުކުރަން ޖާގައެއް ނުދެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

” ސީޕީ ހަމީދަކީ އިޚްލާސްތެރި ޕޮލިސް ކޮމިޝަނަރެއް”، އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެބްސައިޓް ހެކްކުރި މީހުން ރޭ ޓްވިޓާގައި އާންމުކުރި ފޮޓޯތަކަކުން ސީޕީ ހަމީދު ކަމަށް ބެލެވޭ މީހަކު، އަންހެނުންނާއެކު ނައިޓް ކްލަބެއްފަދަ ތަނެއްގައި ޕާޓީކުރާ މަންޒަރު ފެނެއެވެ. ނަމަވެސް އެކަމާއި ގުޅޭ ހަމީދު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.