English Edition
Dhivehi Edition
މެރާކީ ކެފޭ ރޯސްޓާސް - ފޮޓޯ: ހޮޓެލިއަރ މޯލްޑިވްސް

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެރާކީ ކޮފީ ރޯސްޓާސް ކެފޭގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މެރާކީ ކެފޭ އަށް ގެއްލުންދިން މައްސަލައާއި ގުޅިގެން ދެ ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 23:05 ހާއިރު، މެރާކީ ކެފޭގެ ބިއްލޫރިގަނޑު ތަޅާލައި ބަޔަކު ވަނީ އިންޒާރުގެ ނޯޓެއް ހަރުކޮށްފަ އެވެ. އެ އިންޒާރު އަމާޒުކޮށްފައި ވަނީ ކުރިން އެތަނުގައި މަސައްކަތްކުރި މުވައްޒަފެއް ކަމުގައިވާ އާމިނަތު އީނާސް (އީނާ) އަށެވެ. އީނާ އަށް ވަނީ ފިރިހެނުން ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން އުޅޭ ކަމަށް ބުނެ މިފަހަކަށް އައިސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

މީގެ އިތުރުން ހަމީދު ވަނީ 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހެޅިފައިވާ ދީނީ ހަރުކަށި ފިކުރުގެ މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމުކުރައްވައިފަ އެވެ.

އެ މައްސަލަތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ކައިވެނިކުރުމާއި، ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރުމާއި ދީނީ ދަރުސް ދިނުން، ޓެރަރިސްޓް ޖަމާޢަތެއްގެ މެމްބަރަކަށްވުން، ޓެރަރިސްޓް ޖަމާޢަތަކަށް ފައިސާގެ އެހީވުމުގެ އިތުރުން ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކުރުން ނުވަތަ އެއްވެސް ލިޔުން ނުވަތަ މުޢާމަލާތްކުރުން އަދި ކުޑަކުދިންނަށް ވެކްސިން ދިނުމާއި ޓެރަރިޒަމްގެ އެހެނިހެން ކުށްތައް ހިމެނެއެވެ.

ހަމީދު ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމުގައި މުއައްސަސާތަކުގެ ފެންވަރުގައިވެސް އަދި ޤައުމީ ފެންވަރުގައިވެސް އިތުރަށް މަސައްކަތްކުރުމުގެ ޖާގަ އެބައޮތް ކަމަށެވެ.