ދިވެހި ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ދެ ގައުމުގެ މެދުގައި ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފި އެވެ.
މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހަދަނީ މިކަމާ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ރާއްޖެއިން ބުނެ އެވެ.
އެކަމާ ގުޅިގެން އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.
ޗާގޮސްގެ ރަށްތައް އިސްތިމާރުކޮށްގެން ތިބި އިނގިރޭސި ވިލާތަށް އެ ސަރަހައްދުގެ ބާރު ނޯންނާނެ ކަމަށާއި އެއީ މޮރިޝަސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް ބުނެ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ނެރުނު އިސްތިޝާރީ ލަފާ ރާއްޖޭން ގަބޫލު ނުކޮށް މި މައްސަލަ އިޓްލޮސް އަށް ނުބެލޭނެ ކަމަށް ރާއްޖޭން ވަކާލާތުކުރި އެވެ. އެކަމަކު ރާއްޖޭގެ އެ ދިފާއު ގަބޫލު ނުކޮށް އިޓްލޮސް އިން މައްސަލަ ބަލަން ފެށީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތަށް ކޮންމެ ގައުމަކަށް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭންޖެހޭ ގޮތަށެވެ.މައްސަލަ އުފެދުނީ ޝެލްފް ނަގަންބަލާއިރު ، ދެ ގައުމުގެ އިމުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީއެވެ.
ރާއްޖޭގެ ދެކުނަށް އޮތް ޗާގޮސް އާކިޕެލާގޯއަކީ އެ ރަށްރަށުގައި ތިބި މީހުން އެތަނުން ބާލައި އިނގިރޭސި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި އޮތް ތަނެކެވެ. އެއީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއްކަމުގައި ބުނެ މަޝްވަރާކުރެވެމުން އަންނަތާ އެތައް އަހަރުތަކެއް ވުމަށްފަހު، 2017 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މި މައްސަލައާ ބެހޭ އިސްތިޝާރީ ލަފައަކަށް އެދުނެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު “އައި.ސީ.ޖޭ. އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965” ގައި ކަނޑައަޅާފައިވަނީ ޗާގޮސް އާކިޕެލާގޯއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމުގައެވެ.
މިގޮތަށް މި އިސްތިޝާރީ ލަފައާ ގުޅުވައި މޮރިޝަސްއާއި އެފްރިކާގެ ޤައުމުތަކާއި ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތުގެ (ނޮން އެލައިންޑް މޫވްމަންޓް) ގައުމުތަކާ ގުޅިގެން 22 މެއި 2019 ގައި އދ.ގެ ޢާންމު މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވެއެވެ. މި ގަރާރުގައި 6 މަސް ދުވަހުގެ ތެރޭގައި ޗާގޮސް އާކިޕެލާގޯ މޮރިޝަސްއާ ހަވާލުކުރުމަށް ވަނީ ގޮވާލާފައެވެ. އެ ޤަރާރަށް އދ.ގެ އާންމު މަޖިލީހުގައި ވޯޓަށް އެހުމުން، ދިވެހިރާއްޖެއިން ވަނީ ޤަރާރާ ދެކޮޅަށް ވޯޓުދީފައެވެ.
މިއަދުގެ މި ނިންމުމާއެކު މިހާތަނަށްވެސް ރާއްޖޭގެ ތާރީޚުގައި ގޮތްނިންމިފައިނުވާ، ރާއްޖޭގެ ދެކުނުން ރަސްމީކޮށް ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގެ މަރްޙަލާ ނިމުމަކަށް ގެނެވުނީއެވެ.