ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިޢާއަތްކޮށް، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން މި މައްސަލަ ނިންމަވާނެކަމާމެދު ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިހެން ބުނެފައިވަނީ ޗާގޯސް އާކިޕެލާގޯގެ މައްސަލައާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރެފައިވާ ބަޔާނަށް ރައްދުދިނުމަށް ނެރުނު ނޫސްބަޔާނުގައެވެ. އެބަޔާނުގައިވާގޮތުން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބަދަލުކޮށްފައެއް ނުވާނެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގައި ފާއިތުވި ދެ ދަހަރެއްހާ ދުވަހު ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދެމެހެއްޓުމުގައި ދިވެހި ސަރުކާރުން ފަސްޖެހުމެއްނެތި ދެމިއޮންނާނެކަމަށް ބަޔާނުގައި ވެއެވެ.
އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރެއް ކަމަށްވާ “އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965” މިޤަރާރު އެމަޖިލީހުގެ ތަޅުމަށް އަލުން ހުށަހެޅިއްޖެނަމަ، އެޤަރާރަށް ރާއްޖެއިން ތާއީދުކުރުމަށް ނިންމާފައިވާކަން ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް އަންގާފައިވާނެކަމަށް ބަޔާނުގައި ވެއެވެ. މި ނިންމުން ނިންމެވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެންނެވެ. އ.ދ.ގެ ޢާއްމު މަޖިލީހުގެ އެޤަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުންހުރި ޤަރާރެއް ނޫނެވެ. މި ނިންމުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ޤާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަން މޮރިޝަސްގެ ސަރުކާރަށްވެސް ވާނީ އަންގާފައިކަމަށް ބަޔާނުގައި ވެއެވެ.
އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރު “އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965” އާ ދެކޮޅަށް ރާއްޖެއިން ކުރިން ވޯޓުލާފައިވެއެވެ. 2019 ވަނަ އަހަރު އ.ދ.ގެ ޢާއްމު މަޖިލީހުން އެޤަރާރު ފާސްކުރުމާއި ގުޅިގެން ރާއްޖެއިން ލީ ވޯޓުގެ އެކްސްޕްލެނޭޝަނުގައި ރާއްޖެއިން ފާހަގަކުރިގޮތުގައި ރާއްޖޭގެ ވޯޓަކީ އެޤަރާރާ ދެކޮޅަށް ލީ ވޯޓެއް ނޫނެވެ. އަދި އެއީ އިސްތިޢުމާރިއްޔަތާ ދެކޮޅަށް ރާއްޖެއިން ގެންގުޅެމުން އައި ޒަމާންވީ ސިޔާސަތާ ވެސް ދެކޮޅު ވޯޓެއް ނޫނެވެ. މީގެއިތުރުން، ރާއްޖެއިން ފާހަގަކުރި ގޮތުގައި ރާއްޖެއިން އެޤަރާރާ ދެކޮޅަށް ލީ ވޯޓަކީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ޤާނޫނީ ނުކުތާތަކަށާއި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް) އަށް 2010 ވަނަ އަހަރު ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުމަށް އެއްވެސް އުނިއިތުރުކަމެއް ގެނުވާނެ ކަމެއް ނޫނެވެ.
މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައް ވެސް ދިވެހި ސަރުކާރުން ދޮގުކުރެއެވެ.. ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައިވާގޮތުން ދިވެހިރާއްޖޭގެ ޞަރަޙައްދަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދެންޖެހެއެވެ. ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެވެ. މި ސަރަޙައްދުގެ އިމަކީ މިހާތަނަށް އައި އިރު، ބައިނަލްއަޤުވާމީ ކަނޑާބެހޭ މުޢާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަޙައްދެއް ނޫންކަމަށާއި. ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ޤާނޫނު އަސާސީން ލިއްބައިދީފައިވާ ބާރަކަށްވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނެކަމަށް ބަޠާނުގައި ވެއެވެ. މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައެޅުމާއެކު، އިޓްލޮސް މެދުވެރިކޮށް މިމައްސަލައަށް ޙައްލުހޯދައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ދިވެހިރާއްޖޭގެ ސަރުކާރުން ނިންމެވީ ވަޒީރުންގެ މަޖީލީހުން އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުކަމަށް ސަރުކާރުން ބުނެއެވެ.
ލިޔެވިފައިވާ ޤާނޫނު އަސާސީއެއްގެ ތަރަހައިގެ ތެރޭގައި ވެރިކަމެއް ރާއްޖޭގައި ކުރަމުންދާތާ ޤަރުނަކާ ގާތްވާއިރު، އަދި އެއަށްވުރެ ދުރު މާޒީއަށް ބެލިނަމަވެސް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތާ ޚިލާފަށް، ޗާގޯސް އާކިޕެލާގޯގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދަޢުވާ ކޮށްފައެއް ނުވާކަން ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ.
އިދިކޮޅު ކޮޅުން ނެރުނު ބަޔާން ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުން ސަރުކާރުން ބުނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ޚައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެއްކަމަށެވެ. މިކަން އެންމެ ސާފުވާކަމަކީ، 2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދަޢުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވާލި އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން ދިވެހިރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެކަމަށް ބުނެފައިވާތީއެވެ. އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތް ވޯޓެއްކަމަށް ވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އޭރު ބުނެފައިވެއެވެ. އެ ޕާޓީން މިހެން ބުނެފައިވީ ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އ.ދ.ގެ ޢާއްމު މަޖިލީހަށް ހުށަހެޅި ޤަރާރާ ދެކޮޅަށް ވޯޓު ލާފައެވެ.
ސަރުކާރުގެ ބަޔާނުގައިވަނީ ، 2019 ޑިސެމްބަރު 18 ގައި ރާއްޖެއިން ވަނީ އިޓްލޮސްގައި ކުރިއަށްދާ މައްސަލާގެ އިބްތިދާއީ މަރުޙަލާގައި ޕްރިލިމިނަރީ އޮބްޖެކްޝަންސްގެ ގޮތުގައި ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމާ ގުޅޭ މައްސަލައެއް ކުރިއަށް ދަނިކޮށް އިޓްލޮސްއަށް ހުށަހެޅިފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ވަކާލާތުކޮށްފައިކަމަށެވެ. ނަމަވެސް، އިބްތިދާއީ އަޑުއެހުންތަކަށްފަހު އިޓްލޮސް އިން ނިންމެވީ ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އައި.ސީ.ޖޭ އިން ނެރެފައިވާ އިސްތިޝާރީ ލަފައަށް ރިޢާއަތްކޮށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެޓްރައިބިއުނަލަށް ލިބިގެންވާކަމަށެވެ. އިޓްލޮސްގެ މިނިންމުމާއި ގުޅިގެން، އެޓްރައިބިއުނަލުގެ އަޑުއެހުންތަކުގައި ދިވެހި ސަރުކާރުން ވަކާލާތުކޮށްފައި ވާނީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދުވާ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ކުރިއްސުރެ ރާއްޖެއިން ގެންގުޅެމުންދިޔަ ސިޔާސަތުތައް ދިފާޢުކޮށެވެ.