English Edition
Dhivehi Edition

ރ. ފުއްގިރި ވިއްކުމުގައި ރިޝްވަތުނަގާ އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް މިއަދު ހެނދުނު 9:30 ގައެވެ.

އަދިވެސް އިބްތިދާއީ މަރުހަލާގައި އޮތް މި މައްސަލައާއި ގުޅޭ ގޮތުން އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ޖެނުއަރީ 30 ގައެވެ.

އެ މައްސަލައިގައި ދައުލަތުން ކުރާ ޖިނާއީ ދައުވާތަކުން ދިފާއުވުމަށް ޔާމީންގެ ފަރާތުން ހުށަހެޅި ބައެއް ހެކިތައް ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމުމުން، އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން، ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއިދުކޮށްފައެވެ.

ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޔާމީންގެ ޝަރީއަތެއް މިއަދަށް ތަވާލުކޮށްފައިވާ އިރު، އެމަނިކުފާނު މިހާރު ގެންދަވަނީ ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ވަނީ 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) އިން ޖޫރިމާނާކޮށް ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވެސް ހުކުމް ކޮށްފައެވެ. ނަމަވެސް 53 މިލިއަން ރުފިޔާ ދެއްކުމަށް ކުރި އަމުރު ބާތިލުކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުމުން، އެ ފައިސާ ދައްކަން ކުރިމިނަލް ކޯޓުން ކުރި އަމުރަކީ ބާތިލު އަމުރެއް ކަމަށް މިދިޔަ އޭޕްރީލް މަހު ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.

މި މައްސަލައިގައި ޔާމީނާއެކު މަނީ ލޯންޑަރ ކުރުމުގައި އުޅުއްވި ކަމުގެ ތުހުމަތުގައި ކުރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެ އެވެ.

ޔާމީނާއި އެފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ދައުވާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.