English Edition
Dhivehi Edition
ފިލްމު " ނޫރާ" ގެ ފުރަތަމަ ޕޯސްޓަރ

ފިލްމު އުފެއްދުމުގެ މަސައްކަތް އައްޑޫސިޓީގައި ކުރަމުން އަންނަ ހަމައެކަނި ސްޓޫޑިއޯކަމަށްވާ ގްރީން އާޓްސް އިން ހަދާ ފުރަތަމަ ފިލްމު ” ނޫރާ” ގެ ޕޯސްޓަރ ދައްކާލައިފިއެވެ. މިކަމަށްޓަކައި ވަޅުޢީދު ދުވަހުގެރޭ އައްޑޫ ސިޓީ ސްކުއަރ ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ ފިލްމުގެ ކާސްޓުން ހިމެނޭ ޕޯސްޓަރާއެކު ތީމް ލަވަ ހުށަހަޅައިދީފައެވެ. އައްޑޫގެ ގިނަ ފަންނާނުންނާއެކު ބޭއްވި ކުލަގަދަ އެ ރަސްމިއްޔާތުގެ ޝަރަފްވެރިންނަކީ އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު އާއި މާލޭސިޓީގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް އެވެ. އޭގެ އިތުރުން މި ރަސްމިއްޔާތުގައި އައްޑޫސިޓީގެ އިސްވެރިންނާއި މުވައްސަސާތަކާއި ކްލަބްޖަމްޢިއްޔާތަކުގެ ވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ޢާންމުން ބައިވެރިވިއެވެ.

ނޫރާ ޕޯސްޓަރ ރިލީޒިން ޙަފްލާގައި މާލެ ސިޓިގެ ޑެޕިއުޓީމޭޔަރ އަޙްމަދު ނަރީޝް ވާހަކަދައްކަވަނީ.ފޮޓޯ ގްރީންއާޓްސް

މި ރަސްމިއްޔާތުގައި ނޫރާ ފިލްމުގައި މުހިންމު ރޯލެއް އަދާކުރާ އެކްޓަރ އަދި ގްރީން އާޓްސް ސްޓޫޑިއޯގެ ވެރިޔާ އަޙްމަދު އަމަން ޢަލީ ވިދާޅުވީ ޝަހުޒާއާއެކު އޭނާ މާލޭގައި ގިނަ ފިލްމުތަކެއް ކުޅެފައިއައިސް އައްޑޫގައި ފިލްމު އުފައްދަން ފެށި މިމަސައްކަތާއެކު އެންމެ ފާހަގަ ކޮށްލެވުނު ކަމަކީ އައްޑޫގެ ފަންނާނުންގެ ކުޅަދާނަ ކަން ކަމަށެވެ. އެސަބަބާހެދި އައްޑޫގައި ފިލްމު އުފެއްދުމުގެ އުޖާލާ ކުރިމަގެއް ފެންނަން އޮތަތީވެ އަދިވެސް އައްޑޫގެ ރައްޔިތުން ފަޚުރުވެރިވާފަދަ ކިތައްމެ ކަމެއް ގްރީން އާޓްސްއިން ކުރަމުން ދާނެކަމަށް އަމަން ވިދާޅުވިއެވެ.

ގްރީންއާޓްސްއިން އައްޑޫސިޓީ ކައުންސިލާއި ސެޓްފިކެޓް ޙަވާލު ކުރުން/ފޮޓޯ ގްރީން އާޓްސް

މިރަސްމިއްޔާތުގައި އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއުވެސް ވަނީ ފިލްމީ ދާއިރާއަށް ޝައުގުވެރިވާ އައްޑޫގެ ފަންނާނުންނަށް އުފާވެރި ޚަބަރެއް ދެއްވާފައެވެ. ޝުޢާއު ވިދާޅުވީ އައްޑޫގައި ސިނަމާއެއް އެޅުމުގެ ޕްރޮޕޯސަލެއް އައްޑޫސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށާއި އަމިއްލަ ފަރާތްތަކުން މިކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވުމާއެކު މިހުށަހެޅުންތަކާއެއްގޮތަށް ބިން އިޢުލާން ކުރުމުގެ ކަންތައް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. ނޫރާ ފިލްމުގެ ޕްރިމިއަރ އާއެކު ޝުޢާއު އުއްމީދު ކުރައްވަނީ ސިނަމާއެއް އައްޑޫސިޓީގައި ގާއިމް ވެގެން ދާ ތަން ފެނުންކަމަށް އޭނާ ވިދާޅުވިއެވެ.

ފިލްމު ނޫރާގެ ޕޯސްޓަރ ރިލީޒިން ޙަފްލާގައި އައްޑޫ އާއި މާލޭގެ ޑެޕިއުޓީ މޭޔަރުން ނޫރާގެ ޕޯސްޓަރެއްގެ ކައިރީގައި /ފޮޓޯ ގްރީން އާޓްސް

ޝުޢާއު ވިދާޅުވީ ނޫރާ ފިލްމު ޝޫޓު ވަމުން ދާ މި ދަނޑިވަޅަކީ މުޅި އައްޑޫސިޓީ ބަދަލުވަމުން އަންނަ ދަނޑިވަޅު ކަމަށްވެފައި ތާރީޚަށްޓަކައިވެސް މިފިލްމު ވެގެންދާނީ ވަރަށް މުހިންމު ފިލްމަކަށް ކަމަށެވެ.

“މިއަދު މި ފިލްމުން ފެންނަ ބައެއް މަންޒަރުތައް މާދަމާ އައްޑޫއިން ނުފެނި ހިނގައިދާނެ. ޗަކަފެންގަނޑުތަކާއެކު އޮތް މަގުތައް ތާރުއެޅި މަގުތަކަށް ބަދަލުވަމުންއެދަނީ. އަޅުގަނޑުމެން އުޅުނު ދަތިޙާލު ދެން ނުފެނި ހިނގައިދާނެ. އެހެންކަމުން މިއީ ވަރަށް ޚައްސާސް ދަނޑިވަޅެއްގައި ކުޅޭ ތާރީޚީ ފިލްމެއް.”

ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު

މާލޭސިޓީގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝްވެސް ވަނީ އެޙަފްލާގައި އައްޑޫގެ ރައްޔިތުންނާ މުޚާތަބުކޮށް އުއްމީދީ ވާހަކަ ތަކެއް ދައްކަވާފައެވެ. ނަރީޝް ވިދާޅުވީ ޒަމާނުއްސުރެ އެންމެންނަށްވެސް ތަޞައްވުރު ކުރެވިފައިވާ ހަގީގަތަކީ ފިލްމެއް އުފެއްދޭނީ މާލޭގައި ތިބި މީހުންނަށް އެކަނި ކަމަށެވެ.

އެހެން ނަމަވެސް އޭނާ އެ ހުންނެވީ އެ ހީވި ހީވުން ބަދަލުކޮށްލި ޙަފްލާގައި ކަމަށް ވިދާޅުވެ ސައްތައިން ސައްތަ ، އައްޑޫއާއި ފުވައްމުލަކުގެ ތަރިންނާއެކު ކުޅޭ ނޫރާ ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފް ކުރެއްވިއެވެ. ނަރީޝް ވަނީ ފިލްމު ނޫރާ ޕްރިމިއަރ ކުރާ ޙަފްލާ އަކީ މާލޭގެ ގިނަ ފަންނާނުންވެސް ބައިވެރިވާ ކުލަގަދަ ޙަފްލާއަކަށް ހެދުމުގެ މަސައްކަތް ފައްޓަވާފައިވާތީ އެކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވާފައެވެ.

ނޫރާ ޕޯސްޓަރ ރިލީޒިން ޙަފްލާގައި ބައިވެރިވި ބައެއް މެހްމާނުންފިލްމުގެ ތަރިންނާއެކު/ /ފޮޓޯ ގްރީންއާޓްސް

ނޫރާ ޕޯސްޓަރ ދައްކާލުމަށް ބޭއްވި މި އިވެންޓް އިންތިޒާމްކުރީ އައްޑޫސިޓީގައި މިހާތަނަށް ސިލްސިލާކޮށް ބާއްވަމުން ދާ ބައިނަލްއަޤްވާމީ ފެންވަރުގެ ހަމައެކަނި އެކްސްޕޯކަމަށްވާ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯވެސް އިންތިޒާމްކުރަމުން އަންނަ ޓައިޓަން މޯލްޑިވްސް އިންނެވެ. ޓައިޓަން އިން މިއިވެންޓް ކުރިއަށްގެންދިޔަ ގޮތުގެ ފުރިހަމަ ކަމަށްޓަކައި ގިނަ ބަޔަކުވަނީ އެކަމަށް ތަޢުރީފް ކޮށްފައެވެ.

ނޫރާ ޕޯސްޓަރ ރިލީޒިން ޙަފްލާގައި ފިލްމުގެ ބަތަލާ ޝަހޫ އާއި ނެށުންތެރިންގެ އައިޓަމެއް /ފޮޓޯ ގްރީންއާޓްސް

ޙަފްލާގެ ތެރޭ ވަނީ ސްޕޮންސަރުންނަށާއި ފިލްމުގެ ކާސްޓަށް ސެޓްފިކެޓް ޙަވާލުކޮށްފައެވެ. އޭގެ އިތުރުން ވައިޓް ޓާން ގެ ލައިވް މިއުޒިކާއި، ބައެއް ފަންނާނުންގެ ހުށަަހެޅުންތަކާއި، ދުންމާރި ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތަކުގެ އިތުރުން ފިލްމު ނޫރާގެ ތީމްލަވަ އައްޑޫސިނާގެ އަޑުން ހުށަހަޅައިދީފައިވެއެވެ.

ނޫރާ ޕޯސްޓަރ ރިލީޒިން ޙަފްލާގައި ފިލްމުގެ ތީމް ލަވަ އައްޑޫސިނާ ހުށަހަޅައިދެނީ /ފޮޓޯ ގްރީންއާޓްސް

އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގެ ހިތްގައިމު މަންޒަރުތައް ހިމަނައިގެން އުފައްދާފައިވާ ފިލްމު ނޫރާގެ ވާހަކަ ބިނާވެފައިވަނީ އާއިލީ ގުޅުމުގެ ތަފާތު ހާދިސާތަކެއްގެ މައްޗަށެވެ. މުޅި ފިލްމުގެ ހުރިހާ ސީންތަކެއް ނަގާފައިވަނީ، ފުވައްމުލަކާއި އައްޑޫ ސިޓީގައެވެ. މިއީ ގިނަ އަހަރުތަކަކަށް ފަހު ފިލްމެއްގެ ސައްތައިން ސައްތަ މަސައްކަތް އައްޑޫ ސިޓީގައި ނިންމައި ރިލީސް ކުރާ ފުރަތަމަ ފިލްމުކަން ފާހަގަ ކޮށްލެވެއެވެ.

ނޫރާ ޕޯސްޓަރ ރިލީޒިން ޙަފްލާގައި ފިލްމުގެ ލީޑް 2 ތަރިން ކަމަށްވާ އަމަން އާއި ޝަހޫ.ފޮޓޯ ގްރީން އާޓްސް

މި ފިލްމުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި ކަނޑައެއް ނާޅައެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ތަރިން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި އައިމިނަތު ނޫރާ، މަރިޔަމް ޝަހުޒާ، އަހުމަދު އަމަން އަލީ ހިމެނެއެވެ. އަދި އަރަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ ޖިމްޝާދު ޝަރީފާއި، އައިމިނަތު ވަހީދާއާއި އިބުރާހީމް އަލީ އާއި، މުހައްމަދު އަޒްމީލާއި، ޝަމްސުންނިސާގެ އިތުރުން ނަޖުދު އާދަމް ހިމެނެއެވެ. އެއާއެކު އަހުމަދު ރިފްއަތާއި، މުހައްމަދު އަމީލާއި، އަހުމަދު ޝިފާއު އާއި، މުހައްމަދު މަދީން ވެސް މިފިލްމުގެ ބައެއް ރޯލްތަކުން ފެނިގެންދާނެއެވެ.