English Edition
Dhivehi Edition
ދިވެހި ފުލުހުންގެ ބަޔަކު މަގުމަތީގެ އަމާންކަން ބެލެހެއްޓުމުގެ ތެރެއިން

ފުލުހުންނަށް މަރުގެ އިންޒާރުދީ ހަމަލާ ދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުންބުނީ ރޭ މަޖީދީމަގު ޓިނު ޕާކު ކައިރީ ހިނގި އެކްސިޑެންޓަކާ ގުޅިގެން ހިނގި މާރާމާރީއެއްގައި އެކަން ހުއްޓުވަން ދިޔަ ފުލުހުންނަށް މަރުގެ އިންޒާރުދީ އެތަނުން ފުލުހަކަށް ހަމަލާ ދިން ކަމަށާއި އެކަމާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރާއި 25 އަހަރާއި 21 އަހަރުގެ ތިން ފިރިހެނުންނެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ތިން މީހުންނަށް ވެސް ހަތް ދުވަހުގެ މުއްދަތެއް ޖަހާދީފައެވެ.

ހައްޔަރުކުރި މީހުންގެ މައްޗަށް އުފުލާފައިވަނީ ފުލުހެއްގެ ގައިގައި ޖެހުމާއި، މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެވެ. ފުލުހުންވަނީ ކުރެވިފައިވާ ތުހުމަތުތަކާ ގުޅޭ ހެއްކާއި ގަރީނާ ކޯޓަށް ހުށަހަޅާފައެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.