English Edition
Dhivehi Edition

މާދަމާއަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވައިފިއެވެ.

މާދަމާއަކީ މިއަަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑަައަޅުއްވައި، އިއުލާންކުުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އިއްވެވި ހަނދާއިބެހޭ ބަޔާނުގައެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އިއްވެވި ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށާއި އިސްލާމީ ހުރިހާ ޤައުމަކަށްވެސް 1444 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންނާނެކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ދައްކާފައިވާކަމަށެވެ. އަދި އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ފެނިފައިވާކަމަށް ރަސްމީ ހަބަރު ލިބިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓަރގެ ބަޔާނުގައިވެއެވެ.

އެހެންކަމުން އޭޕްރީލް 20 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1444 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސްކަމަށާއި އަދި އެދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ހަނދާއިބެހޭ ބެހޭގޮތުން އިއްވެވި ބަޔާނުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާއާއި އިސްލާމީ ވަރަށް ގިނަ ޤައުމުތަކުން ވަނީ މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަަމަށް ކަނޑައަޅާފައެވެ. ނަމަވެސް އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކުން ފިތުރު އީދު ދުވަހުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ހޮނިހިރުދުވަހެވެ.

މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމަށްވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ވަނީ ނިންމައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އީދު ނަމާދަށް އަންނައިރު ގެއިން ވުޟޫކޮށްގެން އައުމަށާއި، އަމިއްލަ މުސައްލައެއް ގެނައުމަށާއި، އަމިއްލަ ފެންފުޅިއެއް ގެނައުމުގެ އިތުރުން ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުމަށް އިލްތިމާސްކޮށްފަ އެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމި ނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.