މާލެ ސަރަހައްދުގައި މި އަހަރުގެ ފިތުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި 6 ސަރަޙައްދެއްގައި ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެސް ފިޠުރު އީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެކަމަށް. އެގޮތުން މާލެ ސަރަހައްދުގައި 6 ތަނެއްގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާ ގޮތަށް ވަނީ ހަމަޖައްސަވާފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ބޮޑު ޖަމާއަތުގައި ފިޠުރު ޢީދު ނަމާދު ކުރާ ތަންތަންތަނަކީ, މާލޭ މާފަންނު ސްޓޭޑިއަމް, އިސްލާމީ މަރުކަޒާއި އެ މިސްކިތުގެ ސަރަހައްދު, ކިންގް ސަލްމާން މިސްކިތާއި އެމިސްކިތުގެ ސަރަހައްދު, ވިލިމާލޭ ފުޓްބޯޅަ ދަނޑު, ހުޅުމާލެ 1 ގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ 2 ގެ ކްރިކެޓް ސްޓޭޑިއަމްއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ތަންތަން ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ކެއުމާއި ސައި ހަދައިދޭނެ މީހުން ހޯދުމަށާއި އެ ތަންތަނުގައި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާން ކޮށްފައެވެ.
ރާއްޖޭގައި މިހާތަނަށް އީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގަ. އެހެންނަމަވެސް އީދު ނަމާދުކުރާ ގަޑި އަވަސްކުރުމަށް މަޝްވަރާ ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނޭ. ރާއްޖޭގައި ޢާންމުކޮށް ޢީދު ނަމާދުކުރަނީ ބޮޑު ޖަމާޢަތުގައި މައިދާންތަކުގައި ކަމަށާއި ޢީދު ޚުޠުބާ ކިޔާ ނިމޭއިރު އޮންނަނީ ވަރަށް ބޮޑަށް ހޫނު ގަދަވެފައިކަމަށް އިސްލާމިކް މިނިސްޓްރަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ޢީދު ނަމާދުކުރާ ގަޑިއަކީ އެހެން ތަންތަނުގައި ޢީދު ނަމާދުކުރާ ގަޑިއަށް ބަލާއިރު ލަސް ގަޑިއެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ އޭޕްރީލް 10 ވާ ބުދަ ދުވަހެވެ.