1444ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ2023 އެޕްރިލް 20 ވާ ބުރާސްފަތި ދުވަހުގެރޭ (މިރޭ) އޮންނާނެއެވެ.
މި ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 08:45ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިޢުލާންކުރާއިރު ޓީވީ/ ރޭޑިއޯއިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖުންވެސް ލައިވްކުރާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެއެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.
ބޭރުގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މަޢުލޫމާތު ޙިއްސާކުރައްވާނީ، ކަނޑައެޅިފައި އޮންނަ އުސޫލާއި އެއްގޮތަށް ފޮރިން މިނިސްޓްރީންނެވެ.
ރާއްޖޭގެ މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން ހުކުރު ދުވަހަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަހެވެ.