English Edition
Dhivehi Edition

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ހެކިބަސް ދިނުމަށްޓަކައި މެޖިސްޓްރޭޓް ކޯޓުތައް އަންގާރަ ދުވަހު ހަވީރުން ފެށިގެން ހުޅުވިފައި ހުންނާނެ ކަމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

އެޑިޕާޓްމަންޓުން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައި 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަަށް ޓަކައި، ޝައުބާން މަހުގެ 29 ވާ އަންގާރަ ދުވަހު ހަވީރު 5:30ން ފެށިގެން ހަނދާއި މެދު ގޮތެއް ނިމެންދެން އެޑިޕާޓްމަންޓާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދިނުމަށް އެ ޑިޕާޓުމެންޓުން އެދެއެވެ.

އަދި އައު ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީއެންމެ އަވަހަކަށް ހާޟިރުވެ ހެކިބަސް ދިނުމަށް އެޑިޕާޓްމަންޓުން ވަނީ އެދިފައެވެ.

ހަނދާބެހޭ ގޮތުން ގޮތެއް ނިންމާނީ ހަނދާއި ބެހޭ ކޮމެޓީގެ ޖަަލްސާއަށް ފަހުގައެވެ. ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީން މިޖަލްސާ އިސްލާމީ މަރުކަޒުގައި ބާއްވަމުން އަންނަ އިރު ހަނދު ސާބިތު ކުރުމުގައި އިސްލާމީ އެހެން ޤައުމުތަކުން ހަނދާއި ބެހޭ ގޮތުން ނިންމާ ނިންމުމުގެ މައްޗަށް ރިޢާޔަތް ކުރެއެވެ.

މިއަހަރުގެ ހިޖުރީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މިހިނގާ މެއިމަހުގެ 16 ވާ ބުދަ ދުވަހެވެ.