މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުން އަންނަ އާދިއްތަދުވަހުގެ ރޭ 08:30 ގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރޯދަމަހަށް ހަނދު ބެލުން އޮތީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ވަނީ ބުނެފައެވެ.މިއަދު ނެރުނު އިއުލާނެއްގައި ބުނީ 1442 ވަނަ އަހަރުގެ ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޝައުބާން 29 (11 އޭޕްރިލް) ވާ އާދީއްތަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭއާއި ރަށްރަށުގެ މެޖިސްޓްރޭޓު ކޯޓުތަކާއި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.
އެހެންކަމުން މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށެވެ. އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ. މެޖިސްޓްރޭޓެއް ނެތްނަމަ އެރަށެއްގެ ރަށު ކައުންސިލުގެ އިދާރާ ހިންގުމާ ހަވާލުވެ ހުރި އިސްވެރިއެއްގެ ކުރިމަތީގަ އެވެ.
މީގެއިތުރުން އެމްއެންޑީއެފުން ވިދާޅުވީ ހަނދު ސާބިތު ކުރުމަށް ބާއްވާ ޖަލްސާގައި ހަނދު ސާބިތު ވެއްޖެ ކަމަށް ނިންމައިފި ނަމަ ބަޑި ޖެހުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ 1 ވަނަދުވަހަކީ މިމަހުގެ 13 ވާ އަންގާރަދުވަހެވެ. ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމް ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.