English Edition
Dhivehi Edition

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން 2021ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގެ މައްސަލައިގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މިއަދު އެ މައްސަލައިގައި ބޭއްވި އަޑުއެހުމަކީ މައްސަލައިގެ ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން މިއަދުގެ އަޑުއެހުމުގައި ދައުލަތާއި ދިފާޢުން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ. ދައުވާ ލިބޭ ފަރާތްތަކުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވަނީ، ކުރިއަށް ހުރި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު ހިއްސާ ކުރައްވައިފައެވެ. އެގޮތުން ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ހުކުމް ކުރެވޭނެ ކަމަށް ލަފާ ކުރައްވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، 2021 ގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އިއްވައިފައެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަނެއް އަށް މީހުންނަކީ:

  • ހއ. މޮޅަދޫ/ ބަހާރުގެ، އަބްދުﷲ އަލިމަނިކު (ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ)
  • ހއ. ހޯރަފުށި/ އަލަނާސިގެ، މުހައްމަދު ތަސްލީމް (ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ)
  • ގއ. ކޮނޑޭ/ ފޮޅޭމާ، ތަހުމީން އަހުމަދު (ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ)
  • ނ. މަނަދޫ/ ނޫރީގޭ، އަލީ ހައިޝަމް (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ)
  • މއ. ފޭރުގޭ/ މުޖާޒް އަހުމަދު (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ)
  • މ. ކުދެހިގޭ/ އިސްހާގު (ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ)
  • އއ. މާޅޮހު/ އަސަރީގޭ މުހައްމަދު ނާޒިމް (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ)
  • ގއ. ވިލިނގިލީ/ ހުދުރުވާގޭ ފަހުމީ އަލީ (ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ)

އެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ކުރިމިނަލް ކޯޓުން ކުރިން އެކުލަވާލިޔަސް، އެކިފަހަރު މަތިން ބެންޗު ބަދަލުވުމަށްފަހު މިހާރު ވަނީ ބެންޗު އުވާލައިފައެވެ. މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ހަބީބް އެކަންޏެވެ. ގާޒީ ވަނީ އެ މައްސަލަ އަލުން ނުފަށައި ކުރިން ގެންގޮސްފައިވާ ހިސާބުން ކުރިއަށްގެންދަން ނިންމައިފައެވެ.

ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީޢަތް ލަސްވާ އެކަށީގެންވާ ސަބަބެއް ޝަރުޢީ އިދާރާތަކަށް ބުނެ ނުދެވޭ ކަމަށް ވިދާޅުވެ، އެ މައްސަލަ ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒް ވަނީ ކުރިން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ..

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މާރޗްމަހު ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހުސައިން ރަޝީދާ ބައްދަލުކުރައްވައިފައިވާ ކަމަށާއި، އެ ބައްދަލުކުރެއްވުމުގައި، ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީޢަތް ލަސްވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުޤީޤާ ގުޅޭ ކަންކަން ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ އައްބާސް ހަމަޖައްސަވާފައި ވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.