ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވިކަން ސާބިތުވެ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލި މަނިކު ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި މައްސަލަ ބެއްލެވި ގާޒީ، އަލީ އާދަމް ވިދާޅުވީ 2019ގެ ފަހުކޮޅުން ފެށިގެން އައިސިސްގެ ފިކުރު ފެތުރުމަށް އަބްދުﷲ އަލި މަނިކު އުޅެފައިވާ ކަމަށެވެ. މި ފިކުރަށް މީހުން ރެކްރޫޓު ކުރުމަށް ޖަލުގައިވެސް އޭނާ ހަރަކާތްތެރިވެފައި ވާކަމަށް ހެކިންގެ ހެކިބަހުން އެނގޭކަމަށް ގާޒީ ވިދާޅުވިއެވެ.
އަލި މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަދަބެއްގެ ގޮތުގައި ގާނޫނު ބަޔާން ކުރަނީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މި މައްސަލައިގައި ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ އަލި މަނިކު 5 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. ނަމަވެސް އޭނާ ބަންދުގައި ހުންނަތާ ދެ އަހަރާއި ދެ މަހާއި އެއް ދުވަސްވެފައިވާތީ ޖަލު ހުކުމުން ތަންފީޒު ކުރަން ޖެހޭނީ 2 އަހަރާއި 9 މަހާއި 29 ދުވަހުގެ މުއްދަތަށެވެ.
އަލި މަނިކުގެ އިތުރުން މި މައްސަލާގައި ދައުވާ އުފުލާފައި ވާ ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުންކޮށްފައެވެ.