ރާއްޖެއަށް ދެ ބޭހެއް އެތެރެކޮށް ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން މިއަދު ބުނީ، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ އޮންނަ ބޭހެއްކަމުގައިވާ ޓެލްމިސާޓަން ނުވަތަ ޓެލްސާޓާ 40ގެ ބެޗެއްގައި (2B151) މައްސަލަ އުޅޭ ކަމަށް އެ ބޭސް އުފައްދާ ކުންފުނިން ހާމަކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މައްސަލަ އުޅޭ ބެޗްގެ ބޭސް ރާއްޖޭގައި ނެތް ކަމަށެވެ.
ޕާކިސްތާންގެ ފާމް އިވޯ ފާމަސޫޓިކަލްސްއިން އުފައްދާ، މިބޭހުގެ އެ ބެޗުގައި މުށި ކުލައިގެ ލައްތަކެއް ހުރުމާ ގުޅިގެން ސަބްސްޓޭންޑަޑް ޕްރޮޑަކްޓެއްގެ ގޮތުގައި ބޭހުގެ އެބެޗު އަނބުރާ ގެންދިޔުމަށް ޕާކިސްތާނުގެ ކަމާބެހޭ ވުޒާރާއިން އަންގާފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އެސަބަބާހެދި ރާއްޖެއިން ބޭރުން މި ބޭސް ގަންނަކަމުގައިވާނަމަ ބެޗު ނަމްބަރަށް ސަމާލުވުމަށް އެއޮތޯރިޓީން އިލްތިމާސްކުރެއެވެ.
އެމްއެފްޑީއޭއިން ވަނީ ޑެފިބްރޯޓައިޑް ނުވަތަ ޑެފިޓެލިއޯގެ ބެޗެއްގައިވެސް ފޯލްސިފައިޑް ބެޗްތަކެއް ފެނިފައިވާތީ ސަމާލުވުމަށް އެދިފައެވެ. އެ ބާވަތުގެ ބޭހަކީ ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުން ހުއްދަ ކުރާ ބޭހެއް ނޫން ނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށްގެން ބޭނުން ކުރާތީ، އެ ބޭހުގެ (19G19A) ބެޗްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ޑެފިޓެލިއޯ އަކީ ހެޕަޓިކް ވެނޯ-އޮކްލޫސިވް ޑިޒީޒް (ވީއޯޑީ) ނުވަތަ ސައިނޯސައިޑަލް އޮބްސްޓްރަކްޝަން ސިންޑްރޯމް (އެސްއޯއެސް) ބަލި ތަހައްމަލު ކުރަމުންދާ މީހުންނާއި ހެމަޓޮޕޮއިޓިކް ސްޓެމް ސެލް ޓްރާންސްޕްލާންޓް (އެޗްއެސްސީޓީ) އަށް ފަހު ޕަލްމޮނަރީ ޑިސްފަންކްޝަން ހުންނަ މީހުންނަށް ދޭ ބޭހެކެވެ.