އަޔާން ބޭނުންވަނީ އަވަހަށް އެތަނުން ދާށެވެ. އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެން ވިއްސި ވިހާލި ވީއެވެ. ހަނދާނެ ނަހަދާނެ ގޮތެއް އަޔާންއަކަށް ނޭނގުނެވެ. ގެއަށް އާދެވުމާއެކު ދާންގާތު އެތެރެއަށް ވަނުމަށް ބުނެފައި އަޔާން ދުއްވައިގަތީ އަތިރިއާ ދިމާއަށެވެ. އަތިރިމަތީ ހުރި ހިރުނދުގަހެއްގައި އެލިވާފައި ހުރި އުނދޯއްޔެއްގައި އިށީނެވެ. އެއާއެކު އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. އެތައް އިރެއްވަންދެން އޭނާ ރުޔެވެ. ގިސްލިއެވެ. ކުޑަކޮށް ހަމަޖެހުމާއެކު ނާމީއަށް ގުޅިއެވެ. އަދި ވަރަށް އަވަހަށް އައިސްދިނުމަށް އެދުނެވެ.
ނާމީއަށް ފެނުނީ ހިތްދަތި މަންޒަރެކެވެ. އޭނާގެ އެކުވެރިޔާ އެވަނީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟ ނާމީފެނުމާއެކު އިތުރަށް އަޔާންއަށް ރޮވުނެވެ. ” ކިހިނެތްވީ އަޔާން؟ ހާދަވަރަކަށް ތިޔަރޮނީ؟ އަޑުބޭރުނުވިޔަސް އޭނާ ރޯކަން އަޔާންގެ ދެލޮލުން ފެންނަމުން ދިޔައެވެ. ނާމީ ވަރަށް އޯގާތެރިކޮށް އަޔާންއާ ސުވާލު ކުރިއެވެ. ” ނާމީ،، ދާން،،، ދާން،، އަޔާންއަށް ބުނެވުނީ އެހިސާބަށެވެ. އަނެއްކާވެސް ގިސްލެވެން ފެށިއެވެ. ” ދާންއަށް ކިހިނެތްވީ؟ އަނެއްކާ ދެރަކަމެއްވީތަ؟ ބުނެބަލަ އަޔާން! ކޮންމެސް ބޮޑުކަމެއް ވެއްޖެ! އެހެންނޫނީ އަޔާން ތިހެނެއް ނުރޯނެ! އަހަރެން ދަންނަން އަޔާން!
” ނާމީ ދާން އުޅުނެއްނު ކުއްޖަކު ރީތިވެގެން! އެނގޭތަ އެއީ ކާކުކަން! ނައި…ނާ.. އެހާހިސާބަށް ބުނެވުނުތަނާ އަޔާންއަށް ހަމަ ބާރަށް ރޮއިގަނެވުނެވެ. ” ނުވާނެ އެހެނެއް؟ ތިވީ ކިހިނެތް؟ ދާންގާތު ބުނަންވީނު، އެއީ އަޔާންގެ ހައްޤެކޭ، ތިދެމީހުން ނުލާހިކު ލޯބިވެއެއްނު! އަހަރެން ބުނަންތަ ދާންގާތު! ކިހިނެތް ތިކަން އެނގުނީ،، މަށަށް ކިޔައިދީބަލަ ތިޔަކަންވީގޮތް! ނާމީ ވަރަށް ހާސްވެފައި އެކަން ވީގޮތް ކިޔައިދިނުމަށް އެދުނެވެ. ނާމީގެ އާދޭހަށް އަޔާން ކަންތައްވީ ހުރިހާ ގޮތެއް ކިޔައިދިނެވެ. އެކަމުގައި ނައިނާ ދެރަވާނެވަރު އަޔާން އަށް އެނގެއެވެ. އެކަމަކު މިއަދު ދާން އެހުރީ އެކަނިވެފައެވެ. އަޔާންގެ އެހީތެރިކަން އިންތިހާއަށް ބޭނުން ވެފައެވެ. ދާންއަށް ދެރަގޮތެއް ހަދަން އަޔާންއަކަށް ނުކެރޭނެއެވެ.
” ނާމީ ދާންގާތު އެވާހަކަ ބުނާނެކަމެއް ނެތް؟ އޭނާއަށް އަހަރެމެންގ އެހީތެރިކަން ބޭނުންވާނެއެއްނު! ތަޤުދީރުގަ އަހަންނަށް ނައިނާ ލިބެން ހުރިއްޔާ ލިބޭނެ! ދެން ނޭނގެ ނައިނާއާ ބައްދަލުކުރަން ކެރޭނެ ކަމެއްވެސް! ނައިނާ އަހަރެންދެކެ ރުޅިއަންނަ ކޮންމެސް ގޮތެއް ޖެހޭނީ ހަދަން! ކޮބާ ނާމީގެ ޚިޔާލަކީ…! ” އަހަންނަކަށް ކަމަކުނުދޭ ތިޔަގޮތެއް! އަޔާން ނައިނާދެކެ އެހާ ލޯބިވާއިރު ކީއްވެތަ ނުބުނަންވީ ދާންގާތުގަ! ނާމީ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ” ޕްލީޒް ނާމީ ،، އަހަރެން މި ބޭނުންވާގޮތް އެނގިބަލަ! ނާމީއަށްވެސް އެނގެއެއްނު އަހަރެން ނައިނާދެކެވާ ލޯބި! އަހަންނަކަށް ނޭނގެ ނައިނާ ނުލިބިއްޖެއްޔާ ވާނެ ގޮތެއްވެސް! އަޔާން މަޑުމަޑުން ދެއަތްދެއަތަށް ގާނާލިއެވެ. މޫނުގައި ދެއަތް އެޅިއެވެ. ނާމީ އަޔާންއަށް ވަރަށް ހިތްވަރުދީ ނަސޭހަތްދިނެވެ.
އެމީހުން އެތަނުން ދިޔައީ އަޔާން ލަސްވެގެން މަންމަ ގުޅަން ފެށުމުންނެވެ. އަޔާން ގެއަށް ވަންއިރު ދާންއެއް ފެންނާކަށް ނެތެވެ. އަޔާން ފެނުމުން އަޒީޒާއަށް ޝޮކެއް ލިބުނެވެ. އަޔާންގެ ދެލޯރަތްވެފައިވާތަން ފެނުމުން އަޒީޒާ ހިތްބިރުގަތެވެ. ދަރިފުޅާއޭ ކިޔައި އަޒީޒާގޮސް އޭނާގެ ދަރިފުޅުގެ ގައިގާ އޮޅުލައިގަތެވެ. ވީ ކީއްތޯ ސުވާލުކުރަން ފެށިއެވެ. އަޔާން ހަމަ އެހުރިގޮތަށް ހުރީއެވެ. ބަހެއްވެސް ބުނަން ނޭނގިފައެވެ. އެވަގުތު ގެއަށް ވަދެގެން އައީ ފިރާގެވެ. އެތައް ދުވަހަކު ރަށުން ބޭރުގައި އުޅެފައެވެ. އަނބިމީހާ ދަރިފުޅު ފެނުމުން ވަރަށް އުފާވިއެވެ. އަޔާންއަށް އެތައް ދުވަހަކަށް ފަހު ބައްޕަ ފެނުމުން ދުވެފައިގޮސް ބައްޕަގެ ގައިގާ ބައްދާލިއެވެ. ރޯން ފެށިއެވެ. ފާރޫގ ހީކުރީ ގިނަދުވަހު ނުފެނި ހުރެފައި ފެނުމުން ވީ ގޮތެއް ކަމަށެވެ. ” ބައްޕަގެ މިދަރިފުޅު ބޮޑުވިޔަސް އަދިވެސް ހާދަ ޅައޭދޯ އަޒީޒާ! އަޒީޒާއަށް ދޯ އެއްލަމުން ފާރޫގު ބުންޏެވެ. އަޒީޒާވެސް ފާރޫގާ އެއްބައިވިއެވެ. އެވަގުތު އަޔާން ބުންޏެވެ. ” އާނ ބައްޕަ ނުފެންނަތާ ކޮން ދުވަހެއް! އެހެންވެ މިރޮވުނީވެސް ދޯ މަންމާ! އަޔާން ބޭނުންވީ ބައްޕައަށް ކަމެއްވެގެން އުޅޭކަން ނާންގާށެވެ. ” ބައްޕާ އަހަރެން މިދަނީ ކޮޓަރިއަށް، މާދަމާ އޮފީހަށްވެސް ދާން ޖެހޭނެއްނުދޯ! އެހެން ބުނުމަށް ފަހު އަޔާން މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ. އަޒީޒާވެސް ކަރުނަ ފުހެލުމަށް ފަހު ފާރޫގަށް ކާން ހެދުމަށްޓަކައި ކާކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ފާރޫގަށް ކާންގޮވުމަށް އަޒީޒާ ކޮޓަރިއަށް ވަންއިރު ފާރޫގު އުޅެނީ ފާޚާނާގައެވެ. ލިބުނީ ރަނގަޅު ފުރުޞަތެކޭ ހިތައި އަޒީޒާ ގޮސް އަޔާންގެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ތަޅުލާންވެސް އަޔާން ހަނދާންނެއްތާއެވެ. އަޒީޒާގެ ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. އަޔާންއަށް ވެފައިހުރިގޮތް އޮޅުންފިލުވުމަށް އޭނާ ބޭނުން ވެއެވެ. އަޔާން އިނީ އެނދުގައި އިށީނދެލައިގެން ދެއަތުން ބޮލުގައި އަތްއަޅައިގެނެވެ. ” ދަރިފުޅާ! އަޔާން ދިޔައީ ސިއްސައިގެނެވެ. އޭނާގެ މަންމަ ފެނުމުން އަނެއްކާވެސް އަޔާންގެ ބަޑިފަޅައިގެން ދިޔައެވެ. ” މަންމާ! އަހަރެންގެ ލޯބި ގެއްލިއްޖެ! އަހަރެންގެ ލޯބި ގެއްލިއްޖެ! އަޒީޒާއަކަށް އަޔާން އެކިޔާ އެއްޗެއް ނޭނގުނެވެ. ” ދަރިފުޅު އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟ މަންމަގާތު ނުވެސް ބުނަމެއްނު! ކާކުތަ އެއީ،، ދެން ކީއްވެ ގެއްލިއްޖެއޭ ތިބުނީ..! އަޒީޒާ އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ.
މަންމަގެ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި އަޔާން ރުއިން ހުއްޓާލުމަށް ފަހު ދެލޯ ފުހެލިއެވެ. ކަންތައްވީ ހުރިހާ ގޮތެއްވެސް މަންމައަށް ކިޔައިދިނެވެ. އަޔާންގެ ވާހަކަތައް އަޑުއަހާ ނިމުނުއިރު އަޒީޒާއަށް ވަނީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ. ” މަންމަ ދާންއާ ވާހަކަ ދައްކަންތަ؟ ” ނޫން މަންމާ ދާންބެ މިހާރު އެހުރީ ވަރަށް އެކަނިވެރިވެފަ! ދާންބެއަށް އަހަރެމެން ނޫނީ އަޅާލާނެ އެހެން ބަޔަކު ނެތެއްނު! އަހަރެމެންގެ ފަރާތުން ދާންބެއަށް ދެރައެއް ދީގެން ނުވާނެއްނު! އަޔާންގެ އެ އޯގާތެރި ވާހަކަތައް އަޑުއަހަމުން ދިޔައިރު އަޒީޒާ ގިސްލަމުން ދިޔައެވެ. އޭނާގެ ދަރިފުޅަކީ ހާދަ ކެތްތެރި ދަރިއެކެވެ. ” ދަރިފުޅާ ހުރިހާ ކަމެއްވެސް އަދި ރަނގަޅުވާނެ! ﷲ ދަރިފުޅަށް ރަނގަޅު ބައިވެރިޔަކު ދެއްވާށި! އެހެން ބުނުމަށް ފަހު އަޒީޒާ ކޮޓަރިން ނުކުމެގެން ދިޔައީއެވެ.
އެރޭގެ ހަމަ އެވަގުތެވެ. އެހެންނަމަވެސް އެހެން ގެއެކެވެ. ނައިނާމެން ގެއެވެ. ” ދަރިފުޅާ ނައިނާ އާދެބަލަ މަންމަގާތަށް! ނައިނާގެ މަންމަ ގޮވާލިގޮތުން އޭނާގެ ހިތް ތެޅެން ފެށިއެވެ. ނައިނާގޮސް އޭނާގެ މަންމަގާތުގައި އިށީނެވެ. ” ދަރިފުޅާ ދަރިފުޅުވެސް މިހާރު ތިޔަހުރީ ބޮޑުވެފަ! އަނބިފުރާވަރަށް އަރާފަ! މަންމައަށް ފެންނަނީ ދަރިފުޅު މީހަކާއިންނަން! ނައިނާގެ މަންމަ އެހެން ބުނުމާއެކު އޭނާގެ މޫނު ލަދުން ރަތްވިއެވެ. ފާޑަކަށް ހިނިތުން ވެވުނެވެ. ” މަންމަ ދަރިފުޅާ އެކަށީގެންވާ ބައިވެރިޔަކު ހޯދައިފިން! ދަރިފުޅު އިންނަންވާނީ ދަރިފުޅު ގެންގުޅެވޭ ވަރުގެ މީހަކާއެއްނު! ” ކީކޭ މަންމާ މީހަކު ހޯދިޔޭ! ނައިނާގެ އެލަދުރަކި މޫނުން މުޅިން އޮއްސިއްޖެއެވެ. ” އާނ އެއީ ދާނިޝް ، ބޮޑު ވިޔަފައިރި ވެރިއެއް! މިހާރަކު މައިންބަފައިންނެތްވެސް ނެތެއްނު! ހުރިހާ މުދަލެއްގެ ވެރިޔަކަށްވާނީ ދަރިފުޅު! ދާނިޝް ދަރިފުޅަށް ހުރިހާ އުފަލެއް ހޯދައިދޭނެ! ނައިނާގެ މަންމަ ހުރީ ދާނިޝްއާ ބެހޭ ހުރިހާ މައުލޫމާތެއްވެސް ހޯދައިގެނެވެ. އެވަގުތު ނައިނާއަށް ރޮވެން ފެށުނެވެ. އަޔާން މަތިން ހަނދާންވިއެވެ. އެފަކީރަށް ވާނެ ގޮތަކާމެދު ހިތްދަތިވިއެވެ.
( ނުނިމޭ )