English Edition
Dhivehi Edition

ނަރަކައިން މުއްތިކުރެއްވުންލިބޭ ބާއްޖަވެރިކަމުގައި ވޭތޯ އަތުކުރި އޮޅައިލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރި ވެއްޖެ އެވެ.

“ރަމަޟާން މަހުގެ ފަހު ދިހަ” މި މައުޟޫއުގައިވާ ޚުތުބާގައި ބުނީ އަޅުގަނޑުމެން ފާއިތުކުރަމުން މިދާ ދުވަސްތަކަކީ މަތިވެރި ދުވަސްތަކެއް ކަމަށާއި ބަރަކާތްތެރި ރޭތަކެއް ކަމަށެވެ.

މި މަހުގެ ފަހި ދިހައިގެ ރޭތަކުގައި މާތްﷲ މަތިވެރި ކުރައްވާފައިވާ ގަދަރުވެރި ރެއެއް ވާކަން ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން ސާބިތުވާ ކަމަށާއި އަދި އެރޭ ހޯދުމަށް ފަހު ދިހައިގާ ގަދައަޅާ މަސައްކަތް ކުރުމަށް ރަސުލާ އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ލައިލަތުލްގަދުރީގެ ނަމުން ނަން ދެވިފައިވާ ބަރަކާތްތެރި، ޝަރަފްވެރި ރޭ، ޝަރަފްވެރި ރެއަކަށް ވީ، އެރޭގައި ކީރިތި ޤުރްއާން ބާވައިލައްވާތީކަން ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

ލައިލަތުލްޤަދްރު ވިލޭރެއަކީ އަމާންކަމާއި ސުލްހަމަސަލަސް ކަމުގެ ރޭ ކަމަށާއި އެރޭގައި ކޯފާ ލެއްވުމެއް އަދި ޢަޛާބު ދެއްވުމެއް ވެސް ނެތް ކަމަށް ޚުތުބާގައި ހަނދާން ކޮށްދިނެވެ. އަދި މި އަމާންކަން ފަތިސްވެއްޖައުމަށް ދާންދެން މި ބިމުގައި އޮންނާނެކަން ވެސް ހަނދާން ކޮށްދިނެވެ.

ލައިލަތުލްޤަދްރު ވިލޭރެއަކީ ކޮން ރެއެއްކަން ނޭނގުނުނަމަވެސް އެއީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރެއެއް ކަމަށާއި ލައިލަތުލްޤަދްރު ވިލޭރޭގެ އިހްތިފާލުތަކުގައި މަލާއިކަތް ބޭކަލުން ބައިވެރިވެވަޑައިގަންނަވާނެކަން ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން ހާމަވާ ކަމަށާއި އެބޭކަލުން ބިމަށް ފައިބާވަޑައިގެން މުއުމިނުންނަށް މާތްﷲ ލައްވާފައިވާ ހެޔޮކަންތައް ދެކެވަޑައިގަންނަވާނެކަން ހާމަވާކަމަށް ޚުތުބާގައި ބުންޏެވެ.