ޝަންގްރިއްލާ ރިޒޯޓް ގެ މައްސަލާގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިކަން ސާފުވާންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) ގެ ޕީޖީ ލީޑަރ އަދި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެ އެވެ.
ޢަބްދުﷲ ރިޔާޟް މިހެން ވިދާޅުވީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނެވެ.
އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫޠުތަކާ ގުޅޭގޮތުން، އެމް.އެން.ޕީ. އިން އެ ކޮމިޓީއަށް ހުށަހެޅި ސިޓީއާ ގުޅޭގޮތުން ބޭއްވެވި ބައްދަލުވުމުގައި އެމް.އެން.ޕީގެ ސިޓީގައި ބެލުމަށް އެދި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ޝަންގްރިއްލާ ރިޒޯޓް ނުހުޅުވި ލަސްވަމުންދާ މައްސަލައާއި، އައްޑޫ ސިޓީގައި 8000 ޓޫރިސްޓު އެނދު ތަރައްޤީ ކުރާނެކަމަށް މި ސަރުކާރުން ވެފައިވާ ވަޢުދު ނުފުއްދާ މައްސަލައެވެ.
މީގެ އިތުރުން ދޫގަސް ނުހުޅުވި ލަސްވާ މައްސަލަ އާއި އެފްކޮން ކުންފުނި އަދި އެކުންފުނިން ހިންގާ މަޝްރޫޢުތަކާ ގުޅޭ މައްސަލަތަކާއި، އައްޑޫ ސިޓީން އިތުރަށް ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްނުދާ މައްސަލަ ވެސް ހިމެނެ އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މި މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލަށް ކޮމިޓީއަށް ޖަވާބުދާރީވެ ފޮނުއްވާފައިވާ ސިޓީއާއި މަޢުލޫމާތު އިއްވަވާފައެވެ.
ނަމަވެސް މި ބައްދަލުވުމުގައި ޢަބްދުﷲ ރިޔާޟް ވިދާޅުވީ، ޝަންގްރިއްލާ ރިޒޯޓް ހުޅުވުމަކީ އައްޑޫ ސިޓީގެ ގިނަ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެ، ޢާއިލާއާ ކައިރީގައި ވަޒީފާ އަދާކުރެވޭނެ ފުރުޞަތެއް ކަމުގައެވެ.
އެހެންކަމުން މި މައްސަލާގައި ޓޫރިޒަމް މިނިސްޓްރީގެ ބަހެއްވެސް ހޯދަންޖެހޭ ކަމަށާއި އެގޮތުން ސަރުކާރުން މި މައްސަލައާމެދު ނިންމަވާފައިވާ ގޮތެއް ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ސާފުކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.
މި މައްސަލާގައި ޕްލޭނިންގ މިނިސްޓްރީއަށް ވެސް ކޮމިޓީން ސިޓީފޮނުވާފައިވާއިރު، އެ މިނިސްޓްރީން ވެސް ޖަވާބުދާރީވެ، މަޢުލޫމާތު ދެއްވަން ޖެހޭނެ ކަމަށާއި، އެ މިނިސްޓްރީގެ ޖަވާބު އަވަހަށް ހޯދުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
މީގެ އިތުރުން، ދޫގަސް ގެ މަސައްކަތް ސިޓީ ކައުންސިލުން ކުރައްވާނެ ކަމެއްގެ ގޮތުގައި ސިޓީ ކައުންސިލުގެ ސިޓީން ސާފުވިޔަސް، އެކަމާ ބެހޭ ޓައިމްލައިނެއް ނެތްކަން ރިޔާޟް ފާހަގަކުރެއްވިއެވެ.