ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، މިއަހަރުތެރޭ މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައިސަލް ވިދާޅުވީ ޝަންގްރިއްލާ އިޝޫގަ މިހާރުވާނީ އެޓާނީ ޖެނެރަލް އޮފީހުން މިނިސްޓްރީގެ ލަފައާއެކު ނޯޓިސްދީފައިކަމަށެވެ.
މިއަހަރު ތެރޭ އެމައްސަލައަށް ހައްލެއް ހޯދޭނެކަމަށާއި ދެން ރިނޮވޭޝަންއަށް ނަގާނެ ޓައިމެއް އެނގޭނީ އެތަން ބެލުމުން ކަމަށް ފައިޞަލް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ހާއްސަ އިސްކަމެއް ދީގެން ޝަންގުރިއްލާ ހުޅުވުމާއި، އައްޑޫއަށް ޑައިރެކްޓު ފްލައިޓްސް ގެނައުމުގެ ނެގޯޝިއޭޝަންސް ކުރިއަށް ދަނީ މަހަކު 2-3 ފްލައިޓުކުރެވޭ ވަރަށްކަމަށެވެ. އަދި އެކަން ކުރެވިއްޖެޔާ އެއީ އައްޑޫ ރައްޔިތުންނަށް ސަރުކާރަކަށްކޮށްދެވޭނެ އެންމެ ބޮޑު ކަންތަކަކަށް ވާނެ ކަމަށް ވަޒީރު ފައިޞަލް ވިދާޅުވިއެވެ.
އައްޑޫގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މިރިސޯޓު ހުޅުވާފައިވަނީ ސަރުކާރުގެ %30 ހިއްސާ އާއި ރިސޯޓު ހިންގުމަށް ސަރުކާރާއި ގުޅިގެން ހަދާފައިވާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ %70 ހިއްސާއާ އެކުއެވެ.
2023 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސަރުކާރުން ވަނީ ހިއްސާ ދޫކޮށްލާފައެވެ. ސަރުކާރުން ހިއްސާ ދޫކޮށްލީ ކޯވިޑާ ގުޅިގެން ޝަންގްރިއްލާ ރިސޯޓް ބަންދުކުރުމަށްފަހު އަލުން ނުހުޅުވާ ގިނަ އަހަރުތަކެއްވުމުގެ ސަބަބުން ސަރުކާރަށް ގެއްލުންވަމުންދާތީއެވެ.