English Edition
Dhivehi Edition
ޝަންގްރިލާ ރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއި ކޮށް، އެއްބަސްވުން ބަދަލުކުރަނީ/ފޮޓޯ މިހާރު.

 

އައްޑޫސިޓީގައި ގާއިމްކޮށްފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގައި އޮންނަ ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެކި ސަބަބުތަކާހެދި ބަންދުކޮށްފައިވާ ޝަންގްރިއްލާގައި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮންނަ އިރު ބާކީ ހިއްސާ އޮންނަނީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުގައެވެ.

އެ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށް ނުލެވިގެން ދިމާވި އެތައް ކަމަކާހެދި އެތަން ބަންދު ކުރި ފަހުން މިއަދާ ހަމައަށް ވެސް އޮތީ ނުހުޅުވިއެވެ.

ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓަށް ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ.

އައްޑޫ އިންވެސްޓްމެންޓްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް އެފެއާޒް ޑިރެކްޓަރު ސައުދު އަބްދުﷲ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ކޮވިޑަށް ފަހު އަދިވެސް ބަންދުކޮށްފައި އޮތް ޝަންގްރިލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި އޮތް އެންމެ ބޮޑު ހުރަސް މިއަދު ނައްތާލެވިއްޖެ ކަމަށެވެ. އެއާ އެކު، އެ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ހޮންގްކޮންގުގެ ހޮޓެލް ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިލާ އިން ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށްޓަކައި ބޭނުންވާ ހުއްދަތަކާއި އިދާރީ އެހެން ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

ޝަންގްރިލާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ބްރައިސް ލުނޯ ވިދާޅުވީ ސަރުކާރުގެ ހިއްސާ އޮތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބުމަކީ އާ ފެށުމެއް ކަމަށާއި ރިސޯޓު ވީ އެންމެ އަވަހަކަށް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

 

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ޝަންގްރިލާގައި އޮންނަ ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.

ސަރުކާރުގެ ހިއްސާ ދޫކޮށްލާ ނަމަ 70 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑރ.މައުސޫމް ވިދާޅުވީ ޝަންގްރިލާ އިން މިހާރު ވެސް ކުލީގެ ގޮތުގައި އަހަރަކު 800،000 ޑޮލަރު ދައްކާ ކަމަށާއި، ސަރުކާރުގެ ހިއްސާ އޮތުމުން އޭގެން ބައެއް ދައުލަތަށް ގެއްލޭ ކަމަށެވެ.

ރިސޯޓުން ލިބޭ ކުއްޔަކީ ވަރަށް ކުޑަ ބައެއް ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ފުޅާކުރުމުގެ ބޭނުމަކީ އެ ސަރަހައްދުގައި ވަޒީފާތައް އިތުރުވެ، އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބިގެން ދިއުން ކަމަށެވެ.

މައުސޫމް ވިދާޅުވި ގޮތުގައި، އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ބޭނުންވާ އުމްރާނީ މުހިންމު ވަސީލަތްތައް ސަރުކާރުން ވަނީ ގާއިމުކޮށްފަ އެވެ. އޭގެތެރޭގައި، ގަން އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުގެ ސަބަބުން އިތުރު އެއާލައިންތައް ގެނައުމަށް މަގުފަހިވެގެން ގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެއިތުރުން، ހުވަދޫ، ފުވައްމުލަށް އަދި އައްޑޫ އާރުޓީއެލް އިން ގުޅާލުމަކީ ވެސް އެ ސަރަހައްދުގައި ޓޫރިޒަމަށް ފަހި މާހައުލެއް ގާއިމުކުރަން ކުރެވުނު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހޮންގްކޮންގް ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއްލާއާ ގުޅިގެން ސ. ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑަށް ފަހު އެތަނުގެ ހިދުމަތް ވަނީ ހުއްޓާލައިފަ އެވެ.