ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަމުން ދާ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކި ބަލައިނުގަތުމަށްއެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ރައީސް ޔާމީނަށް ނާކާމިޔާބު ވެއްޖެއެވެ.
ހައި ކޯޓުގައި މިއަދު ދެ ފަނޑިޔާރުންގެ އަގުލައްބިއްޔަތުން ކުރައްވާފައިވާ ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ތިން ފަނޑިޔާރުންގެ ބެންޗްގެ ތެރެއިން މިގޮތަށް ރައުޔު ނެރުއްވީ ފަނޑިޔާރު ދީބަނާޒް ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ރައުޔު ތަފާތުވި ފަނޑިޔާރަކީ ފަނޑިޔާރު ހަސަން ޝަފީއުއެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އަދީބާއި ޒިޔަތުގެ ހެކި ބަލައިގަތުމާ މެދު އަލުން ކްރިމިނަލް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. ނަމަވެސް ލިޔުންތައް ހޯދަން އެދުނު މައްސަލާގައި ދަށު ކޯޓުގެ ނިންމުން ދަމަހައްޓަން ޖެހޭ ކަމަށް އޭނާގެ ރައުޔުގައިވެއެވެ.
އެ މައްސަލަ ނިމެންދެން ފުއްގިރި މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން ކުރިން އޮތީ އަންގައިފައެވެ. އެހެންކަމުން މިއަދު އެ މައްސަލަ ނިމުމާ އެކު ފުއްގިރި މައްސަލަ ކްރިމިނަލް ކޯޓުން އަލުން ކުރިއަށް ގެންދެވޭނެއެވެ.