އެއްވެސް ގައުމެއް ބޭރު ކޮށްލައިގެން އަޅުގަނޑުމެންނަކަށް ނޫޅެވޭނެ ކަމަށް މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީއޭގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށްފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ޕާޓީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި މިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ފުރަހަނި ޝުއައިބު އެމްޑީއޭ އާ ގުޅުނުކަން ހާމަކުރުމަށެވެ.
އެ ރަސްމިއްޔާތުގައި އެމްޑީއޭގެ ލީޑަރ އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވީ ޗައިނާ ބޭރުކޮށްލައިގެންވެސް ނޫޅެވޭނެ ކަމަށާއި ހަމައެގޮތަށް އިންޑިއާ ބޭރުކޮށްގެންވެސް ނޫޅެވޭނެ ކަމަށެވެ. އަދި ޖަރުމަނު ބޭރުކޮށްގެން ވެސް އެމެރިކާ ބޭރު ކޮށްގެން ވެސް ނޫޅެވޭނެ ކަމަށެވެ.
“ކިހިނެއްތޯ އަޅުގަނޑުމެން އިންޑިއާ މިއަދު އައުޓް ކުރާނީ އެއީ މިހާރު އެންމެގިނަ ޓޫރިސްޓުން އަންނަ ގައުމު، އަދި އެތައް ބިލިޔަން ޑޮލަރެއް ރާއްޖެއަށްވަނީ ދީފަ، ކިހިނެއްތޯ ޗައިނާ އައުޓް ކުރާނީ މީގެ ދެއަހަރު ކުރިން އެއީ އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައި ގައުމު، އެގައުމުންވެސް އެތައް ބިލިޔަން ޑޮލަރެއް ރާއްޖެއަށް ވަނީ ދީފަ.” ސިޔާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެތަނުން އެއްވެސް ބަޔަކު ބާލައިގެން ދިވެހި އެންމެ ރައްޔިތަކަށް ވެސް ލިބޭނެ ފައިދާއެއް ނެތް ކަމަށާއި ލިބުނަސް ލިބޭނީ ގެއްލުން ކަމަށެވެ.
އެމްޑީއޭއަކީ ހުރިހާ ގައުމަކާ ވެސް އެއްގޮތަކަށް ގުޅުން ގެންގުޅެން ބޭނުންވާ ޕާޓީއެއްކަން ފާހަގަ ކުރައްވާ ސިޔާމް ވިދާޅުވީ މަގުސަދަކީ ހުރިހާ ގައުމުތަކަކީ ވެސް ރައްޓެހިންނަށް ހެދުން ކަމަށެވެ.
އެމްޑީއޭގެ އުސޫލަކީ، ވަކި ފަރާތަކަށް ނުޖެހޭ ފޮރިން ޕޮލިސީއެއް ގެންގުޅުން ކަމަށާއި އެންމެ އަމާންކަމާއެކީ ރާއްޖެ ކުރިއަށްދާނެ ގޮތަކީ އެއީ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.