English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްއިން މި ރަމަޟާން މަހައް ޚާއްސަކޮށްގެން އިންތިޒާމް ކުރި އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝަވިޔަނި ޓީމުން ހޯދައިފިއެވެ. މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮތީ އޭޕްރީލް 8 ވީ ހުކުރުދުވަހުގެ ރެއެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ގައި ވަނަ ހޯދި ޓީމުތަކަށް މެޑެއްޔާއި ތަށީގެ އިތުރުން ފައިސާގެ އިނާމުގެ ރަމްޒީ ލިޔުން ހަވާލު ކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އަބްދުﷲ މޫސާ އާއި އިބްރާހިމް ފަޔާޒް އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ. އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ފެށި މި މުބާރާތުގައި ބައިވެރިވި ޓީމުތަކުން ވާދަވެރި އަދި މަޖާ މެޗުތަކަކަށް ފަހު، ހޮވުނު ގަދަ ތިން ޓީމު ވަނީ 35،000 ރުފިޔާގެ ފައިސާގެ އިނާމް ހޯދާފައެވެ.

ތިން ވަނަ އަށް ހޮވުނު ޓީމު – ކްރޮސްރޯޑްސް މޯލްޑިވްސް: ފޮޓޯ އުރީދޫ

ފައިނަލް މެޗުގައި ޝަވިޔަންޔާއި ބްރޯލަރޒް – ރޭޖް ފިޓްނަސް ބައްދަލުކުރި މެޗުން ޓީމް ޝަވިޔަނީ ޗެމްޕިއަންކަން ހޯދީ ޓީމް ބްރޯލާޒް އަތުން 1-0 އިން މޮޅުވެގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަމުގެ ގޮތުގައި ޝަވިޔަންޏަށް 20،000 ރުފިޔާ، ރަނަރަޕް ޓީމް – ބްރޯލާޒްއަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވުނު ޓީމު – ކްރޮސްރޯޑްސް މޯލްޑިވްސް އަށް 5،000 ރުފިޔާ ލިބިފައިވެއެވެ.

ރަނަރަޕް ޓީމް – ބްރޯލާޒް/ފޮޓޯ އުރީދޫ

“އުރީދޫ ބޮކި ބޯޅަ މުބާރާތް ކާމިޔާބު ކަމާއެކު ބާއްވާ ޓީމްތަކުން ވާދަވެރި ކުޅުމެއް ދައްކާ މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހި ކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފައިނަލުގައި މޮޅު ކުޅުމެއް ދައްކާ އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން ޝަވިޔަނި ޓީމުން މިވަނީ ހޯދާފަ، އެހެންކަމުން ޝަވިޔަނި ޓީމުގެ ހުރިހާ މެމްބަރުންނަށްވެސް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވަން. އަދި ރަނަރަޕް ޓީމް ބްރޯލާޒް – ރޭޖް ފިޓްނަސް ގެ އިތުރުން ތިންވަނަ ހޯދި ކްރޮސްރޯޑްސް މޯލްޑިވްސް އިން މުޅި މުބާރާތުގައި ދެއްކި މޮޅު ކުޅުމަށް ވެސް މަރުހަބާ ދަންނަވަން. އަދި ހަމަ އެއާއެކު މުބާރާތް އިންތިޒާމު ކުރުމުގައި މާޒިޔާ ސްޕޯޓްސް ކްލަބުން ދިން އެއްބާރުލުން ފާހަގަކޮށް މާޒިޔާގެ މެނޭޖްމެންޓް އާއި ޓީމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރަން.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ.

ސީއީއޯ ވަނީ އަންނަ އަހަރުވެސް މިއަށްވުރެ ފުރިހަމައަށް އަދި އިތުރު މަޖަލާއި އުފާވެރިކަމާ އެކު އުރީދޫ ބޮކި ބޯޅަ ފެނިގެންދާނެކަމުގެ އުފާވެރި ޚަބަރު ޙިއްސާ ކުރައްވާފައެވެ.

އުރީދޫ މޯލްޑިވްސްއަކީ ކުޅިވަރު ކުރިއެރުވުމަށާއި ދިވެހި ހުނަރުވެރިން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ކުންފުންޏަކަށް ވެފައި ކުރިއަށް އޮތްތާނގައިވެސް އުރީދޫ ބޮކި ބޯޅަ މުބާރާތް ފަދަ މަޖާ އަދި އުފާވެރި ހަރަކާތްތައް ތައާރަފްކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އުރީދޫ އިން ދެއެވެ.