English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އާއި ފްރީޑައިވިން އިންސްޓްރަކްޓާސް އިންޓަނޭޝަނަލް (އެފްއައިއައި)އާއި ގުޅިގެން ރާއްޖޭގެ ފްރީޑައިވިން ކޮމިއުނިޓީއަށް ޚާއްސަ ހަރަކާތެއް ހިންގަން ނިންމައިފި އެވެ.

“ސޭފް ބިނީތް ދަ ސާފޭސް: ފްރީޑައިވިން ސޭފްޓީ ސެޝަން ވިތް އަ ވޯލްޑް ޗެމްޕިއަން” ގެ ނަމުގައި ކުރިއަށް ގެންދާ މި ސެޝަން އޮންނާނީ ޖުލައި، 3 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑް ކުއާޓާސްގައެވެ.

މިއީ ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށާއި ހާދިސާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމާއެކު، ބެސްޓް ޕްރެކްޓިސްތައް ޕްރޮމޯޓް ކުރުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެއްކަމަށް އުރީދޫއިން މަޢުލޫމާތު ދެއްވައެވެ.

މި ސެޝަންގައި އިސްކޮށް ހަރަކާތްތެރި ވާނީ އެފްއައިއައިގެ މަޝްހޫރު ދެ ސްޕީކަރުން ކަމަށްވާ މާޓިން ސްޓެޕަނެކް އާއި އެރޯލް ޕުޓިގްނާ އެވެ.

އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް މި ސެޝަންގައި ހިލޭ ރަޖިސްޓްރީކުރެވޭނެ އެވެ.

މާޓިން ސްޓެޕަނެކްގެ ތަޢާރަފެއް:

މާޓިން ސްޓެޕަނެކް އަކީ 13 ފަހަރު ވޯލްޑް ރެކޯޑް ހަދާފައިވާ ފްރީޑައިވަރެއްގެ އިތުރުން މިކުޅިވަރުގެ ތާރީޚުގައި އުފެދުނު މޮޅު ފްރީޑައިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާ ވަނީ އެއް ނޭވާގައި 400 ފޫޓަށްވުރެ އަޑިއަށް ފީނާފަ އެވެ. މާޓިންއަކީ ފްރީޑައިވިންގެ ފަހަތުގައިވާ ފިޒިއޮލޮޖީއަށް ޝައުގުވެރިވާ އަދި ހާވާޑް ޔުނިވާސިޓީ އާއި ސްވިޑެންގެ ކަރޮލިންސްކާ އިންސްޓިޓިއުޓްގެ އިސް ސައިންސްވެރިންނާ ގުޅިގެން މި ކުޅިވަރުގެ ފަހަތުގައިވާ ބައެއް ފިޒިއޮލޮޖިކަލް ސިއްރުތައް ހޯދުމަށް މަސައްކަތް ކޮށްފައިވާ މީހެކެވެ. މިހާރު ކުރިއަށްދާ މި ދިރާސާގައި އޭނާގެ ބައިވެރިވުމުގެ ސަބަބުން ސައިންސްވެރިންނަށް ފްރީޑައިވަރުންނަށް ކަނޑުގެ އަޑީގެ ޕްރެޝަރގައި ދިމާވާ ކަންކަން ރަނގަޅަށް ދެނެގަނެވޭނެ އެވެ.

އެރޯލް ޕުޓިނަމްގެ ތަޢާރަފެއް

ކެނެޑާގެ ޓޮރޮންޓޯގެ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފްރީޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ އެރޯލް އަކީ ކުޑައިރުއްސުރެ ފްރީޑައިވިންގެ ދުނިޔޭގައި އުޅެމުން އަންނަ ފަރާތެކެވެ. އޭނާ އަކީ އެފްއައިއައިގައި މާޓިން ސްޓެޕަނެކްއާ އެކު ވަރަށް ގާތުން މަސައްކަތް ކުރާ އަދި ސްޓެޕަނެކާއެކު އެފްއައިއައިގެ ޖޫނިއާ ފްރީޑައިވާ ޕްރޮގްރާމް ފަދަ ކަރިކިއުލަމް ޑިވެލޮޕް ކުރުމަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު ފްރީޑައިވިން އިންސްޓްރަކްޓަރުންގެ ތެރޭގައި ހިމެނޭ އިންސްޓްރަކްޓަރެކެވެ. އޭނާ ކިޔަވައިދެނީ އެމެރިކާ، ބަހާމާސް، ޕުއެޓޯ ރިކޯ، ސްޕެއިން އަދި ގަތަރުގެ އެކި ކަންކޮޅުތަކުގައި ރިކްރިއޭޝަނަލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް ސެޓްފިކޭޝަން ކޯސްތަކެވެ.

އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ އިން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެރޮނގުން މީހުން ބިނާކުރުމަށް ކުރާ މަސައްކަތްތަކަށްއަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

“މި ފްރީޑައިވިން ސޭފްޓީ ސެޝަނަކީ، އަޅުގަނޑުމެންގެ ކުރިއަރަމުން އަންނަ ފްރީޑައިވަރުންގެ މުޖުތަމައަށް، ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކާއެކު، އެމީހުންގެ ޝައުގުވެރިކަން ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް، ހާލިދު ވިދާޅުވި އެވެ.

މީގެއިތުރުން އެފްއައިއައިގެ ފައުންޑަރ މާޓިން ސްޓެޕަނެކް ވިދާޅުވީ ފްރީޑައިވިންއަކީ ހަމައެކަނި ޖިސްމާނީ އަދި ނަފްސާނީ ހަރުދަނާކަމެއް ނޫން ކަމަށާއި ސަލާމަތީ ކަންކަމާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ވަރަށް ރީތި އަދި ޗެލެންޖިން ކުޅިވަރެއް ކަމަށެވެ.

އުރީދޫއިން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް އިޖުތިމާޢީ ގިނަ ޙަރަކާތްތައް ރާވާ ހިންގަމުންނެވެ.

 

ޓެގު