ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތް ކަމުގައި ވާ ‘އުރީދޫ މަސްރޭސް 2024’ އިއުލާނުކޮށްފިއެވެ.
އުރީދޫ އިން ބުނީ އުރީދޫ މޯލްޑިވްސްގެ 19ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް އަންނަ މަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އިއްޔެ ކ. ހިންމަފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫ މޯލްޑިވްސް އިން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެން އޯޝަން ރިސޯސަސް އާއި ގުޅިގެން އުރީދޫ މަސްރޭސް 2024 އިއުލާނުކޮށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް ވިދާޅުވީ، ދިވެހިންގެ މަސްވެރިކަމުގެ ތަރިކަ ފާހަގަކުރާ މުހިންމު ހަރަކާތެއް ކަމަށްވާ އުރީދޫ މަސްރޭސް 2024 ގެ ޕާޓްނަރަކަށް ވުމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިނިސްޓްރީގެ އަމާޒަކީ، ދިވެހިންގެ އާދަކާދަތައް ދަމަހައްޓަން މުޖުތަމައުތައް ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް ދިވެހި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުންކަން ފާހަގަކުރައްވަމުން މުއްތަލިބް ވިދާޅުވީ މަސްރޭހަކީ މުބާރާތެއްގެ އިތުރުން، މުޖުތަމައުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަގާފަތް ދައްކުވައިދޭ ހަރަކާތެއް ކަމުގައެވެ.
އުރީދޫ އިން ބުނީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މި ފަހަރުގެ މަސްރޭސް ކުރިއަށް ގެންދަނީ ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ ސިޓީގައެވެ.
މި ފަހަރު މުބާރާތުގައި ޖުމްލަ 126،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު އިނާމުތައް ދިނުމަށް ހަމަޖެހިފައިވަނީ:
އުރީދޫ މަސްރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 24ގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެއެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް މަދުވެގެން 8 އަދި ގިނަވެގެން 12 މެންބަރުން ތިބެން ވާނެއެވެ. އުރީދޫ މަސްރޭސް 2024 ގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު އުރީދޫ އިން ބުނީ 16 ޓީމަށް ވުރެ ގިނައިން ރެޖިސްޓާވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވާނީ ޑްރޯއެއް ބާއްވައިގެން ކަމަށެވެ.