ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ “ފުނަރަ ޕްރޮގްރާމް”ގެ ދަށުން އާއްމު ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލި، މެޕްސް ކޮލެޖްގެ ސެޓްފިކެޓް 3އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސް ކާމިޔާބުކަމާއެކު ނިންމި ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ ޙަފްލާ 5 އޭޕްރިލް 2023 ވީ ބުދަ ދުވަހުގެ ރޭ އެކޮލެޖުގައި ބާއްވައިފިއެވެ.
ޖުމްލަ 14 ދަރިވަރުންނާއެކު ހިންގި މިޕްރޮގްރާމްގެ ދަށުން މެޕްސް ކޮލެޖްގެ “ސެޓްފިކެޓް 3އިން އައިޓީ ” ކޯހުގައި ކިޔަވައިދިނުމުގެ އިތުރުން، އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ޒުވާނުންނަށް ބޭނުންތެރިވާނޭ ހުނަރުތައް ދަރިވަރުންނަށް އުނގަންނައިދެވުނެވެ. މީގެއިތުރުން ވަޒީފާގެ މާޙައުލުގައި އެދަރިވަރުންނަށް ބޭނުންވާ ހުނަރުތައް މިކޯހުގެތެރެއިން ދަރިވަރުންނަށް ވަނީ އުނގަންނައިދެވިފައެވެ. މިގޮތުން ދަރިވަރުން ވަނީ ފުނަރަ ޕްރޮގްރާމްގެ ދަށުން ފަލިމް ގްރޫޕާއެކު، މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ގޮތުން 1 މަހުގެ އިންޓާންޝިޕް ޕްރޮގްރާމެއް ފުރިހަމަކޮށްފައެވެ.
ރޭގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑައިރެކްޓަރ އައިޝަތު ރިޟްވީނާގެ ވާހަކަފުޅުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެއް މަޤުސަދަކީ ޤައުމުގެ މުސްތަޤުބަލް ބިނާ ކުރުމަށް ޒުވާނުން ބާރުވެރިކުރުވުން ކަމުގައި ވިދާޅުވިއެވެ. އެގޮތުން މި މަޤުސަދު ޙާސިލް ކުރުމުގައި ބެލެނިވެރިން އަދާ ކުރަމުންދާ އިސް ރޯލްވެސް ފާހަގަ ކުރައްވާފައިވެއެވެ. މީގެ އިތުރުން ފުނަރަ ޕްރޮގްރާމް ގެ ދަށުން މެޕްސް ކޮލެޖުން ކުރިއަށް ގެންގޮސްފައިވާ އައިޓީ ކޯހުގެ ސެޓްފިކެޓް ލެވެލް 3 ގެ އިތުރަށް، އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ބޭނުންތެރި ހުނަރުތައް އުނގަންނައިދިނުމުގެ މަސައްކަތާއި ތަޖުރިބާ ހޯދައިދިނުމުގެގޮތުން ދަރިވަރުންނަށް ފޯރުކޮށްދެވިފައިވާ ފުރުސަތު ފާހަގަކޮށް، އެކަމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމައެހެންމެ ފުނަރަ ޕްރޮގްރާމް ނިންމި ދަރިވަރުންނާއި މުޚާތަބުކޮށް، މިއީ އެދަރިވަރުންގެ މުސްތަގްބަލް ބިނާ ކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމާއި ކުރިމަގުގައި އެދަރިވަރުން ޙާޞިލް ކުރާނެ ކާމިޔާބީތައް ދެކިލައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.
“ފުނަރަ ޕްރޮގްރާމް”އަކީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގަމުންދާ “ޕްރޮމޯޓިންގ ރެޒީލިއެންސް އިން މޯލްޑިވްސް (ޕްރައިމް)” ޕްރޮޖެކްޓްގެ ދަށުން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.