English Edition
Dhivehi Edition
ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތައް ފުރުން - ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

އައްޞަފާ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ޢުމްރާއަށް ނުފުރުނު މީހުން، މިރަމަޟާންމަހުގެ 20ވަނަ ދުވަހު ފުރުމަށް ހުރިހާ އިންތިޒާމްތައް ހަމަޖެހިއްޖެކަމަށް އެ ގްރޫޕުން ބުނެފިއެވެ.

ވިސާ ނުލިބިގެން ކަމަށްބުނެ ޢުމްރާވެރިންގެ ދަތުރު ކެންސަލް ކުރިފަހުން އިސްލާމިކް މިނިސްޓްރީން ވަނީ އެ ގްރޫޕުގެ ހަވާލުގައި ރަމަޟާން މަހު ޢުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޢުމްރާވެރިން، ރަމަޟާން މަހުގެ ފަހު 10 އަށް، ޢުމްރާ އަށް ގެންދިއުމަށް އަންގާފައެވެ.

ސަފާ ގްރޫޕް މެދުވެރިކޮށް މިއަހަރު 180 މީހުން އުމްރާގެ އަޅުކަމަށް ދިއުމަށް ފައިސާ ދައްކާފައިވެއެވެ. ނަމަވެސް ފުރަން ވަރަށް ވަގުތު ކުޑަތަންވެފައިވަނިކޮށް، ވިސާ ހަމަނުޖެހޭކަމަށް ބުނެ ދަތުރު ކެންސަލްކުރިއެވެ. މިކަމާ ގުޅިގެން ޢުމްރާވެރިންގެ އާއިލާތަކާއި ޢާންމު ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެ ގްރޫޕުން ހުކުރު ދުވަހު ވަނީ ދަތުރު މުޅިން ކެންސަލް ކޮށްފައިވާކަމަށްވެސް ޢުމްރާވެރިންނަށް އަންގާފައެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ މި ރަމަޟާން މަހު، ވީހާވެސް އަވަހަށް އެމީހުންނަށް ފުރޭނެ އިންތިޒާމް ހަމަޖެއްސުމަށް ޞަފާ ގްރޫޕަށް އަންގާފައެވެ. އަދި އެމީހުންގެ އަތުން އިތުރަށް އެއްވެސް ފައިސާއެއް ނުނެގުމަށްވެސް އަންގާފައިވެވެ. މި މައްސަލައިގައި ކަންހިނގައިދިޔަ ގޮތް މިނިސްޓްރީން ބަލަމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ ގްރޫޕުގެ އުމްރާވެރިންނަށް ވިސާ ހަމަނުޖެހުމުގެ ސަބަބުން ކަމަށްބުނެ، ޢުމްރާ ދަތުރު ކެންސަލްކުރުމަށް އެކުންފުނިން ނިންމި ނިންމުމަކީ މިނިސްޓްރީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން، މިކަން ހިނގާފައިވާ ގޮތް ބަލައި، އުމްރާވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މިނިސްޓްރީގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޞަފާ ގްރޫޕުން މަޢުލޫމާތު ދެމުން ބުނެފައިވަނީ މިހާރު ދަތުރުގެ އިންތިޒާމްތައް އަލުން ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ 20ވަނަ ދުވަސް ކަމުގައިވާ، އަންނަ އަންގާރަ ދުވަހު އެމީހުންނަށް އުމްރާގެ އަޅުކަމަށް ފުރޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ޓިކެޓާއި ވިސާއާއި، އެމީހުން ސަޢުދީގައި ތިބުމާއި އަޅުކަމުގެ ހުރިހާ އިންތިޒާމްތައްވެސް މިހާރު ހަމަޖެހިފައިވާކަމަށް ޞަފާ ގުރޫޕުން ބުންޏެވެ.

ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ، ޢުމްރާވެރިންނަށް ނުފުރުނީ ސަޢުދީ ސަރުކާރުން ނުވަތަ ދިވެހި ސަރުކާރުން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫންކަމަށެވެ. އަދި ޢުމްރާ ވިސާއަކީ 3 މަސްދުވަހަށް ދުރާލާ ލިބޭ އެއްޗަކަށްވާއިރު، ކުންފުނިން އެގޮތަށް ހަމަޖައްސާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.