ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށް ވެފައި، 2020 ވަނަ އަހަރުގެ މިހާ ހިސާބަށް، އެ ކުންފުނިތަކަށް ޢުމްރާ ދަތުރުތައް ކުރުމަށް އެކަށީގެންވާ ފުރުޞަތެއް ލިބިފައި ނުވާތީ، އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން، ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 24 ވަނަ މާއްދާއިން އެ މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން، އެއް އަހަރު ދުވަސް އިތުރު ކޮށްދީފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މި އަހަރު ޙައްޖަށް ދިއުމުގެ ފުރުސަތު ސަޢުދި އަރަބިއާ އިން ދީފައި ވަނީ ހަމައެކަނި އެ ޤައުމުގައި ދިރިއުޅޭ މީހުންނަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އެ ޤައުމުގެ ބޯޑަރު ބަންދުކުރުމަށްފަހު މާދަމާ އަލުން ބޯޑަރު ހުޅުވާލާއިރު، ސައުދީ އެތެރެވެވޭނީ ނެގެޓިވް ކޮވިޑް ޓެސްޓެއްގެ ނަތީޖާއާއެކު އެވެ.