ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 24 ޖަނަވަރީ 2019 ގައި ގެޒެޓްކޮށްފައިވާ “ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު” ގައިވާ ގޮތުގެ މަތިން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ، އެ އުސޫލުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.
މީގެ އިތުރުން ޕްރޮޕޯސަލް ފޮތް ސެޕްޓެންބަރު 28 ވާ ހޯމަ ދުވަހުން ފެށިގެން އޮކްޓޯބަރު 07 ވާ ބުދަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް އެ މިނިސްޓްރީގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެ ކަމަށާއި، ޕްރޮޕޯސަލް ފޮތުގެ އަގަކީ 5،000ރ. ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.
އަދި ޕްރޮޕޯސަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހު ސިޓީއުރައިގެ ބޭރުގައި “ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި” މިހެން ލިޔެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 11 ވާ އާދިއްތަ ދުވަހުން ފެށިގެން އޮކްޓޯބަރު 15 ވާ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް އެ މިނިސްޓްރީގެ ކައުންޓަރުން ކަމަށެވެ. އަދި ޕްރޮޕޯސަލް ގަނެފައި ނުވާ ކުންފުނިތަކުގެ ޕްރޮޕޯސަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.