English Edition
Dhivehi Edition

ނައީމާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަމެއް ހިއްސާކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދިއްޖެއެވެ.

ނ. މަނަދޫން މަރުވެފައި އޮއްވައި ފެނުނު އެ ރަށު އުމުރުން 62 އަހަރުގެ, ނައީމާ މޫސާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ ނައީމާގެ ހަށިގަނޑު ބަލައި ތަހުގީގުތަކަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. ހޮނިހިރު ދުވަހު ހަވީރު 5:20 ގައި ނަޢީމާގެ ޖަނާޒާގެ ކަންތައްވަނީ މަނަދޫގައި ކުރިއަށް ގެންގޮސްފައެވެ.

ނައީމާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.